ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ފަށްޓަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ފުރަތަމަ ބައްދަލުވުން ޚާއްސަކުރަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން އަންނަ ބުދަ ދުވަހުގެ ރޭ އޮންނަ ބައްދަލުވުން ޚާއްސަކުރުމަށް ހަމަޖެހިފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ކަމަށެވެ.
ވީމާ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމުގެ ދަޢުވަތު ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިންނަށް އަރުވާކަމަށް ހީނާ ވިދާޅުވިއެވެ.
މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ރޭ 20:30 ގައި ސޯޝަލް ސެންޓަރުގައެވެ.
ރައީސް މިހާރު ގެންދަވަނީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމުގެ ސިޔާސަތުގެ ދަށުން ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދެވުމަށް ބައްދަލުކުރެއްވުންތައް ބާއްވަމުންނެވެ. އެގޮތުން ދާދިފަހުން ވަނީ ދިވެހި މަސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ.
މީގެ އިތުރުން އަންނަ އަންގާރަ ދުވަހުގެ ރޭ މާލޭގެ ގަލޮޅު އަވަށު ރައްޔިތުންނާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. އަދި އެކިއެކި ސިނާޢަތްތަކަށް ޚާއްސަކޮށްގެން ވެސް ރައީސް ގެންދަވަނީ ބައްދަލުވުންތައް ބާއްވަވަމުންނެވެ.




