ޑިއުޓީ ނިމުމާ ގާތްވެފައިވާތީއާއި ދުވަހުގެ ވަރުބަލިކަން ވެސް ކޮންމެވެސް ވަރަކަށް އިހުސާސް ކުރެވެން ފެށުމުން، މަޑުމޮޅިކަން ފިލުވާލުމުގެ ނިޔަތުގައި އާދައިގެ މަތިން ސޯޝަލް މީޑިއާ އަތްފުނާއަޅާލަން ފެށީމެވެ.
ފޭސްބުކް ހުޅުވައިގެން ފަހަރަކު ޕޯސްޓެއް ބަލަމުން، ތިރިއަށް ސްކްރޯލް ކުރަމުން ދަނިކޮށް ލޮލުގައި އަޅައިގަތީ ”އައްޑޫ ސިޓީ ޕޮލިހުން“ ކޮށްފައިވާ ޕޯސްޓެކެވެ. އޭގައި ލިޔެފައިވަނީ 2025 ޑިސެމްބަރ 17 ވަނަ ދުވަހު ސ.ހިތަދޫ / ރޫބީގެއިން ވަގަށް ނަގާފައިވާ ތަކެތި ހިތަދޫ ޕޮލިހުން ހޯދައި އެ ގެއާ ހަވާލު ކޮށްފައިވާ ކަމަށެވެ.
ހަމަ ވަރަށް އާދައިގެ ޕޯސްޓެއްތާދޯ އެވެ. ނަމަވެސް ލޮލުގައި އަޅައިގަތީ މި އިބާރާތްކޮޅެއް ނޫނެވެ. ވަގަށް ނަގައިގެން ހޯދާފައިވާކަމަށް އެބުނާ ތަކެތީގެ ފޮޓޯއެވެ.
ބަރިއަކަށް ރީތި ތަރުތީބަކުން އަތުރާލާފައި އެވާ ސާމާނު ފެނުމުން، މިއީ އާދައިގެ ނުވަތަ އާންމުކޮށް ގިނަ ވަގުން ކޮށް އުޅޭފަދަ ވައްކަމެއް ނޫންކަން އެނގި ސާބިތުވިއެވެ.

އާދެ، ވަގުކަލޭގެ ވަގަށް ނަގާފައިވާ ސާމާނުގައި ގިނައީ ކާބޯތަކެއްޗެވެ. އޭގެ ތެރޭގައި:
° ކުކުޅު ބިސް ކޮތަޅަކާއި
° ރިހާކުރު ފުޅިތަކަކާއި
° ކިރު ދަޅަކާއި
° މައިލޯ ދަޅަކާއި
° ގެރިކިރު ދަޅަކާއި
° ޕީނަޓް ބަޓަރ ފުޅިއަކާއި
° ޖޫސް ފުޅިއަކާއި
° 1 ޔޭޔޭ ޑައެޓް ކޮފީ ޕެކެޓަކާއި
° ދަޅަކަށް ލާފަހުރި 1 ޕާން ފޮތި ހިމެނެއެވެ.
މި ތަކެތި ފެނިފަ ހައިރާންވާ ހާލު ދެން ބޭނުންވީ މިކަމާ ދޭތެރޭ އެހެން މީހުން ކޮމެންޓު ސެކްޝަންގައި ފާޅުކޮށްފައިވާ ޝުއޫރުތައް ކިޔާލާށެވެ.
އެގޮތުން ބައެއް މީހުން ވަނީ ރިހާކުރުފުޅި ވަގަށް ނެގީތީ 20 އަހަރުގެ ޖަލު ހުކުމެއް އައިސްފާނެ ކަމަށް ބުނެއާއި ވަގުކަލޭގެ ހުރީ ވަރަށް ބަނޑުހައި ވެފައިތޯ ސުވާލުކޮށް ޖޯކު ޖަހާފައެވެ.
އެހެންބަޔަކު ވަނީ، ވަގަށް ނަގާ ޑޮލަރުތަކާއި އެނޫންވެސް ތަކެތި ނުހޯދޭ ކަމަށާއި، މިކަންވެސް އައްޑޫ ފުލުހުން އާންމުކޮށްފައި އެވަނީ ކާބޯތަކެއްޗާ ގުޅުންހުރި ކަމަކަށްވުމުން ކަމަށްބުނެ ނުރުހުން ވެސް ފާޅުކޮށްފައެވެ.
ކޮމެންޓުތަކުން ފާހަގަ ކުރެވުނު އެންމެ ބޮޑު އެއް ކަމަކީ، އެ ވަގުގެ ހާލަތު ދެނެގަނެ، އަދަބެއް ދިނުމުގެ ބަދަލުގައި އޭނާއަށް ނަސޭހަތްދީ ވެވެން އޮތްނަމަ އެހީވުމަށް ވެސް ގިނަ މީހުން ގޮވާލާފައިވާ ކަމެވެ.
އެއީ ތެދެކެވެ. ގެއަކުން ފައިސާއާއި މުދަލުގެ ބަދަލުގައި ކާބޯތަކެތި ވަގަށް ނަގާނީ، ފަހަރެއްގައި ހަމަ ދިރިއުޅުމުގެ ހާލަތު ދަށް މީހަކަށް ނުވަތަ ބަޔަކަށްވުމުން ކަމަށް ވެދާނެއެވެ. އެހެންކަމަށްވާނަމަ، އެފަދަ މީހުންނަށް އެހީތެރިވުމަކީ އެޅޭ ރަނގަޅު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.
ކޮންމެހެނަކަސް މި ޕޯސްޓުވަނީ ގިނަ ބައެއްގެ ސަމާލުކަން ދަމައިގަނެ، ގިނަ ބަޔަކު އެންމެ ބޮޑަށް ދައްކާފައިވާ އެއް ވާހަކައަށް ވެސް މިއަދު ވެފައެވެ.
މިއީ އާންމުކޮށް އަޅުގަނޑުމެން ލިޔެ އުޅޭފަދަ، އާދައިގެ ޚަބަރެއް ނޫނެވެ. ނަމަވެސް ތަފާތު މަންޒަރެއް ފެނުމުން، ހިއްސާކޮށްލަން ބޭނުންވި ޝުއޫރުތަކެކެވެ. ކެތްތެރިކަމާއެކު ކިޔާލީތީ ޝުކުރިއްޔާއެވެ.



