ގައުމީ އެއާލައިން، މޯލްޑިވިއަން އިން، ރާއްޖެ އާއި އޮސްޓްރޭލިއާ ދެމެދު ފުރަތަމަ ފަހަރަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި އެވެ.
މޯލްޑިވިއަނުން ބުނީ، މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން މާލެ އާއި އޮސްޓްރޭލިއާގެ މެލްބަންއާ ދެމެދުގައެވެ.
މި ދަތުރުތަކުގައި މޯލްޑިވިއަންގެ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ”ލަގްޒަރީ އެސްކޭޕްސް“ އެވެ. މި ކުންފުންޏަކީ އޮސްޓްރޭލިއާ އިން ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން ގެނެސްދޭ ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏެވެ.
އޮސްޓްރޭލިއާ އަށް ދަތުރުތައް ފަށަން ނިންމާފައިވީ ނަމަވެސް، މި ދަތުރުތަކުގެ ޓިކެޓްގެ އަގުތަކާ ބެހޭ އެއްވެސް ތަފްސީލެއް މޯލްޑިވިއަން އިން އަދި ހާމައެއް ނުކުރެއެވެ.
މޯލްޑިވިއަންއިން ވަނީ މި އަހަރުގެ ކުރީކޮޅު ވައިޑް ބޮޑީ ބޯޓެއް ގެނެސް އެ އެއާލައިންގެ އޮޕަރޭޝަންތައް ރާއްޖެ އިން ބޭރަށް ފުޅާކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ޔޫރަޕްގެ ބައެއް ގައުމުތަކާއި ދެކުނު އެފްރިކާ އަދި ދެކުނު ކޮރެއާ އަށް ދަތުރުތައް ފެށުމަށް މޯލްޑިވިއަން އިން ވަނީ އޭޖެންޓުން ހޯދަން އިއުލާންކޮށްފައެވެ.



