ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރި ތާރީޚުން ފެށިގެން މިހާތަނަށް 73،000 އަށްވުރެ ގިނަ ވޭޕް އަތުލައިގެންފައިވާކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.
ކޮމިޝަނަރ ޖެނަރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވީ، ވޭޕް މަނާ ކުރި ތާރީޚުން ފެށިގެން މިހާތަނަށް 185 މައްސަލައެއްގައި، 73،000 އަށްވުރެ ގިނަ ވޭޕް އަތުލައިގަނެފައިވާކަމަށެވެ.
މީގެ އިތުރުން ސިއްރުން ރާއްޖެ އެތެރެ ކުރަން އުޅުނު، 24 މިލިޔަނަށްވުރެ ގިނަ ސިނގިރޭޓް ސްޓިކްވެސް އެމުއްދަތުގެ ތެރޭގައި އަތުލައިގަނެފައިވާކަމަށް ދިޔާނާ ފާހަގަކުރެއްވިއެވެ.
ކަސްޓަމްސްއިން މިހާރު އެންމެ އިސްކަމެއް ދީގެން ކުރައްވަމުންދާ މަސައްކަތަކީ، ޤާނޫނާއި ޤަވާއިދާ ޚިލާފަށް ރާއްޖެ އެތެރެވާ މުދާ އެތެރެވުން ހުއްޓުވައި، ބެލުންތައް ހަރުދަނާކުރުމެވެ. މި މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި، 2024 ވަނަ އަހަރުގެ އޮގަސްޓް މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ޚާއްސަ ޔުނިޓެއް ޤާއިމްކުރެވިފައެވެ. މި ޔުނިޓް ޤާއިމްކުރުމުގެ މަޤްސަދަކީ، ވައިގެ މަގުން އެތެރެވާ މުދާ ޕްރޮފައިލްކޮށް، ހައި ރިސްކް ކޮންސައިންމެންޓްތައް ފާހަގަކޮށް، ބަލާ ފާސްކުރުން ހަރުދަނާކުރުމެވެ.
ވޭޕް މަނާކުރި ފަހުން ރާއްޖެ އެތެރެކުރަން މަސައްކަތްކުރި އެންމެ ބޮޑު ވޭޕް ޝިޕްމަންޓް ކަސްޓަމްސްއިން އަތުލައިގެންފައިވަނީ މި ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެގޮތުން މިމަހުގެ 4 ވަނަ ދުވަހު މާލެ ކޮމާޝަލް ހާބަރުގައި ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި ބަލައިފާސްކުރި ޝިޕްމަންޓުގެ ތެރެއިން ޖުމްލަ 10،800 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.
ފާއިތުވި ދެ އަހަރުގެ ތެރޭގައި ވައިގެ މަގުންނާއި ކަނޑުގެ މަގުން އެތެރެކުރާ މުދަލަށް އަމާޒުކޮށްގެން 40،000 އަށްވުރެ ގިނަ އޮޕަރޭޝަން ހިންގައި، 37 އުޅަނދު ބަލާ ފާސްކޮށްފައިވާކަން ކަސްޓަމްސްއިން ބުނރފައިވެއެވެ.
ރާއްޖޭގައި ވޭޕު ބޭނުންކުރުމާއި ވިއްކުމާއި ހިލޭބެހުން މަނާކޮށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާޙަށް ޢަމަލުކުރަން ފަށާފައިވަނީ 15 ޑިސެންބަރު 2024 ވަނަ ދުވަހުން ފެށިގެންނެވެ. މި ޤާނޫނުގެ ދަށުން ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް ރާއްޖެ އެތެރެކޮށްފިނަމަ ބޮޑެތި އަދަބުތައް ކަނޑައަޅާފައިވެއެވެ.
ޤާނޫނާ ޚިލާފަށް ވޭޕް އެތެރެކުރާ ފަރާތްތައް 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000 ރުފިޔާގެ މަގުން އިތުރު ޖޫރިމަނާއެއް ކުރާނެއެވެ.
މީގެ އިތުރުން، ވޭޕް ކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ، ވިއްކުމުންނާއި ހިލޭ ބެހުމުން ކުރާ ޖޫރިމަނާގެ އިތުރަށް 50،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.



