އައިފިލްމްސް އަކީ ހަމަޔަގީނުންވެސް މިހާރު ދިވެހި ފިލްމު އިންޑަސްޓްރީއަށް އައު ނަމަކަށް ނުވާނެއެވެ.
މުޅި ފިލްމު އިންޑަސްޓްރީ ސިއްސުވާލި ފިލްމު ”ބަވަތި“ 2019 ވަނަ އަހަރު ރިލީޒް ކުރުމަށްފަހު، ފާއިތުވީ ހަތް އަހަރު ވަންދެން އައިފިލްމްސް އިން ވަނީ ބެލުންތެރިން މުނިފޫހިފިލުވާ ދިނުމުގެ ގޮތުން ތަފާތު އެކި އުފެއްދުންތައް އުފައްދާފައެވެ.
އައިފިލްމްސް އަށް 7 އަހަރު މިމަހުގެ 18 ވަނަ ދުވަހު ފުރިފައިވާއިރު، އެދުވަހު އެ ޕްރޮޑަކްޝަނުން މިވަނީ އުފާވެރި ޚަބަރެއް އިއުލާނު ކޮށްފައެވެ. އެ އުފާވެރި ޚަބަރަކީ، އައިފިލްމްސް އިން އައު ފިލްމެއް އުފައްދަން އުޅޭކަމުގެ ޚަބަރެވެ.
އެހެން ފިލްމުތަކެކޭ އެއްފަދައިން މިފަހަރުގެ އުފެެއްދުމުގެ ނަން ވެސް ތަފާތެވެ. އެގޮތުން މިފަހަރު އައިފިލްމްސް އިން ގެނެސްދޭން ތައްޔާރުވާ ފިލްމަކީ ”ޕާޓީ“ އެވެ. އައިފިލްމްސް އިން ހާމަކުރި ގޮތުގައި މިއީ ނުދައްކާ ވާހަކަތަކެއް ދެއްކުމަށް ހަދާ ފިލްމެކެވެ.
މިފަހަރުގެ މި ތަފާތު އުފެއްދުން ވެސް ލިޔެ ޑައިރެކްޓް ކޮށްފައިވަނީ، އައިފިލްމްގެ މާސްޓަރ މައިންޑޭ ބުނުން ވެސް ދޮގަކަށް ނުވާނެ އެފަދަ ދެވަނައެއް ނުވާ އިލްޔާސް ވަހީދު (އިއްލެ) އެވެ.
”ޕާޓީ“ ގެ ނަން ހާމަ ކުރުމަށްފަހު، އައިފިލްމްސް އިން ބުނެފައިވަނީ، މިއީ މުޖުތަމަޢުން ފެންނަ ކަންކަމުން އިންސްޕަޔާވެގެން އުފައްދާ ފިލްމެއް ކަމަށާ މީގައި ފެންނަ ކަންތައްތަކުގެ ސަބަބުން ތިބެވޭނީ ގޮނޑީގެ އަރިމަތީގައި ކަމަށެވެ.
އައިފިލްމްސްގެ މި އުފެއްދުމުގެ ޓްރެއިލަރ އާއި ރިލީޒް ކުރަން ހަމަޖެހިފައިވާ ތާރީހު އަދި އިތުރު މައުލޫމާތު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް އެ ޕްރޮޑަކްޝަންހައުސް އިން ބުނެފައިވެއެވެ.



