އަމިއްލައަށް މަރުވި ކަމަށް ނިންމާފައިވާ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު، މުމްބައީގައި ދިރިއުޅުނު އެޕާޓްމަންޓަށް އެކްޓްރެސް އަދާ ޝަރްމާ ބަދަލުވުމުން ތަފާތު ވާހަކަތަކެއް ފެތުރެން ފަށައިފިއެވެ.
އެތަނަކީ ސުޝާންތު މަރުވެފައި އޮއްވާ ފެނުނު އެޕާޓްމަންޓަކަށްވާތީ، އެތަނުގައި ރޫހާނީ ކަންތައްތަކެއް ހިނގާފާނެ ކަމަށް ގިނަ ބަޔަކަށް ޤަބޫލު ކުރެވެއެވެ. އަދި އެގޮތުން އަދާއަށް ނުރައްކާތަކަކާ ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުންވެސް އެތައް ބަޔަކު ވަނީ ފާޅުކޮށްފައެވެ.
ނަމަވެސް އަދާ ވަނީ އެފަދަ ހާދިސާތަކެއް ނުހިނގާކަމަށް ބުނެ އެފަދަ ކަންކަމާ ކަންބޮޑު ނުވާންވެސް އޭނަގެ ފޭނުން ކައިރީގައި އެދިފައެވެ.
އަދާ ބުނީ އޭނާ އެ އެޕާޓްމަންޓު ނުގަންނަ ކަމަށާއި އުޅެނީ ކުއްޔަށް ކަމަށެވެ. އަދި އެތަނުން އެއްވެސް ރޫހާނީ ކަމަކާއި ކުރިމަތި ނުވާ ކަމަށާއި ނަމަވެސް އެ އެޕާޓްމަންޓުން އޭނައަށް ހިތްހަމަޖެހުން ލިބޭ ކަމުގައިވެސް ބުންޏެވެ.
ސުޝާންތުގެ އެޕާޓްމަންޓަށް އަދާ ދިޔުމުން ބައެއް މީހުން ވަނީ އެކަމާ ސުޝާންތުގެ މަރާވެސް ގުޅުވާފައެވެ. އެގޮތުން ބައެއް މީހުން ބުނެފައިވަނީ އަދާ ހުރީ ސުޝާންތު މަރުނުވެގެން ކަމަށާއި އެ އެޕާޓްމަންޓަށް ދަހިވެތިވެފައި ކަމަށެވެ.
އެ ތުހުމަތުތަކަށް އަދާ ބުނީ އޭނާ އެފަދަ ވިސްނުމެއް އެއްވެސް އިރަކު ނުގެންގުޅޭ ކަމަށާއި ނަމަވެސް ސުޝާންތުގެ ގެއަށް އޭނާ ދިރުން ގެނައުމުން ސުޝާންތުވެސް އުފާވާނެ ކަމަށެވެ.



