އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ވޯކް-އިން އިންޓަވިއުތަކެއް ބާއްވަން ނިންމައިފިއެވެ.
މި އިންތިޚާބުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް 4 ގައެވެ.
އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތައް ކުރުމަށް ކޮންމެ އިންތިޚާބަކާއި ގުޅިގެން ވަގުތީ މުވައްޒަފުން ނަގައެވެ. މިއަން އަހަރު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް އެކި ދާއިރާތަކުން ބޭނުންވާ މުވައްޒަފުން ނެގުމަށް މިމަހުގެ 10 ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ.
އެކޮމިޝަނުން ކުރި އިއުލާނުގައި 172 މުވައްޒަފަކު އެކި ދައިރާތަކުން ނެގުމަށް ނިންމާފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، މުވައްޒަފުން ނެގުމަށްޓަކައި މާލެ ސަރަހައްދުގައި ދެ ވޯކްއިން އިންޓަވިއުތަކެއް ބާއްވާން ނިންމާފައިވާ ކަމަށެވެ.
މި ވޯކް-އިން އިންޓަވިއުތަކުގެ ތެރެއިން ފުރަތަމަ އިންޓަވިއު ބާއްވާނީ މިމަހުގެ 26 ވަނަ ދުވަހު ހުޅުމާލެ ފޭސް -2 ގައި ހުންނަ ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައެވެ. ދެވަނަ ވޯކް-އިން އިންޓަވިއު ކުރިއަށް ގެންދާނީ 27 ވަނަ ދުވަހު ކަލާފާނު ސްކޫލުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
މި ދެ ދުވަހުގެ ވޯކް-އިން އިންޓަވިއުތައްވެސް ކުރިއަށް ދާނީ ހަވީރު 4:00 އިން ރޭގަނޑު 10:30 އަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނިގޮތުގައި، ވޯކް-އިން އިންޓަރވިއުއަށް ޙާޟިރުވާއިރު، އައިޑީ ކާޑު، ތަޢުލީމީ ސެޓްފިކެޓްގެ އިތުރުން ސީވީގެ ކޮޕީ ގެންނަންވާނެއެވެ. ޝަރުތު ހަމަވާ ފަރާތްތަކަށް ވަގުތުން ފޯމު ހުށަހެމާއި، އިންޓަވިއުކުރުމާއި، ޕްރެކްޓިކަލް ޓެސްޓް ހެދުމުގެ އިންތިޒާމް އެތަނުގައި ހަމަޖެހިފައިވާނެއެވެ. މި މަގާމުތަކަށް ހޮވޭ މީހުން މަސައްކަތް ކުރާނީ ކައުންސިލް އިންތިޚާބުގެ މަސައްކަތްތައް ނިމުމާ ހަމައަށެވެ.
ކޮންޓްރެކްޓް އުސޫލުން ނަގާ މި މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތަކުގެ އިތުރުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.
އިންތިޚާބުގައި މަސައްކަތް ކުރާނެ މުވައްޒަފުން ނެގުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާއިރު، މިދިޔަ އޯގަސްޓް މަހުވެސް މުވައްޒަފުން ހޯދުމަށް ވޯކް-އިން އިންޓަވިއުތައް ކުރިއަށް ގެންގޮސްފައިވެއެވެ.
މީގެ އިތުރުން، ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރާނެ މުވައްޒަފުން ހޯދުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.



