ދުންފަތާ ދެކޮޅަށް މާލޭ ސަރަހައްދުގެ ޕޮލިސް ސްޓޭޝަންތަކުން ހިންގި އޮޕަރޭޝަންތަކުގައި މިހާތަނަށް ޖުމްލަ 7 މިލިއަން ރުފިޔާގެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މާލޭ ސަރަހައްދުގައި ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތަފްސީލް ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭ ފްރަންޓްލައިން ޕޮލިސިންގައި އިސްކޮށް މަސައްކަތްކުރައްވަމުން އަންނަ ސުޕްރިންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ މާލޭގައި ހުންނަ ޕޮލިސް ސްޓޭޝަންތަކުން ދުންފަތާ ދެކޮޅަށް ޖުމްލަ 8 އޮޕަރޭޝަނެއް މިހާތަނަށް ހިންގާފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަންތަކުގައި ޖުމްލަ 15 ފަރާތަކާ މެދު ފިޔަވަޅު އެޅިކަމަށް ވެސް ބުންޏެވެ.
އެގޮތުން ފުލުހުން އަތުލި ތަކެތީގެ ތެރޭގައި ހިމެނެނީ:
° 44،866 ފޮށި ސިނގިރެޓު
° 4733 ވޭޕް
° 765 ފްލޭވާފުޅި ނުވަތަ ކާޓްރިޖް
° 86 ވޭޕް ކޮއިލް
° 93 ކިލޯ ދުންފަތް ޕެކެޓު
މިއީ އަގަށް ބަލައިނަމަ ޖުމްލަ 7،341،961 ރުފިޔާ ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން 294،240 ރުފިޔާ މި އޮޕަރޭޝަންތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިކަމަށް ވެސް ފުލުހުން ބުންޏެވެ.



