މާލެ އާއި ހުޅުމާލެ ގުޅުވާލާ ހައިވޭއާ ޖެހިގެން ރޭސިން ޓްރެކް ތަރައްގީކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭގައި ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ”ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް“ގެ ނަމުގައި ރޭގައި ކުރިއަށް ގެންދިޔަ އިވެންޓެއްގައި ޒުވާނަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ މާލެ އަދި އައްޑޫގައި ރޭސިން ޓްރެކް އަޅާނެ ކަމަށެވެ.
އެގޮތުން، މާލެ ސަރަހައްދުގައި ޓްރެކް އަޅާނެ ތަން ކަނޑައަޅައި، އެ މަޝްރޫއު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރޭސިން ޓްރެކެއް މީހުން ދިރިއުޅޭ ސަރަހައްދެއްގައި ގާއިމްކޮށްފިނަމަ އުނދަގޫތަކާ ކުރިމަތިވާނެތީ، އެކަމަށް އެންމެ ރަނގަޅު ތަނެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ހައިވޭއާ ޖެހިގެން ބޭރަށް އެ ޓްރެކް ގާއިމްކުރުންކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
އެ ތަނުގައި ރޭސިން ޓްރެކް އެޅުމުގެ މަސައްކަތް އެމްއޭސީއެލްއިން ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުން ތިލަފުށީގައި ރޭސިން ޓްރެކް ގާއިމްކުރަން ނިންމައި، އޭރު ޔޫތު މިނިސްޓްރީއަށް ބިމެއް ވެސް ދިނެވެ. ނަމަވެސް، އެކަން ފަހުން ވަނީ ހުއްޓިފައެވެ.



