ބޭރު ޤައުމުތަކުގައި ދިވެހިން ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަން ތަހުޤީގުތަކުން ފާހަގަަކުރެވެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓުގެ ފަރާތުން ކުރައްވާ މަސައްކަތްތަކާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ޑްރަގް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލް، ޗީފް އިނިސެޕްޓަރ އޮފް ޕޮލިސް އަޙްމަދު ނާއިފް ވިދާޅުވީ ފަހަކަށް އައިސް ސަރަޙައްދީ ޤައުމުތަކުގައި ދިވެހިން ޤާއިމްވެ ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތުން އެއަރ ކާގޯއާއި ސީ ކާގޯ މެދުވެރިކޮށް އަދި އިލެކްޓިރިކް ސާމާނުތަކުގައި މަސްތުވާތަކެތި ފޮރުވައިގެން ފޮނުވަމުންދާ ކަމަށާއި ރާއްޖެއިން ބޭރުގައި ސަރަޙައްދީ ޤައުމުތަކުގައި ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ 3 ދިވެހިން މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ މީހުންގެ ތެރޭގައި ޖިނާޢީ އެކި މައްސަލަތަކުގެ ރެކޯޑް އޮތް މީހުން ތިބިކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ފުލުހުން އާންމު ކުރެއްވި ގޮތުގައި ތައިލޭންޑް އާއި މެލޭޝިއާ ފަދަ ޤައުމުތަކުގައި ދިވެހިން ތިބެގެން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަމުން އަންނަކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
ނާއިފް ވިދާޅުވީ ދުނިޔޭގެ ކޮންމެ ސަރަޙައްދެއްގައި ދިވެހިން ޤާއިމްވެ ތިބެގެން ޖިނާޢީ ކުށް ކުރާ ފަރާތްތައް އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެންވިޔަސް އެމީހުން ރާއްޖެ ގެނެސްގެން އެމީހުންގެ މައްޗަށް ތަޙްޤީގު ހިންގާނެކަމަށެވެ. މީގެ އިތުރުން ބައެއް ފާރާތްތަކުން ފިލައިގެން ރާއްޖެ ދޫކޮށް ދިއުން ފަދަ ކަންކަމުގައި އަވައްޓެރި ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމިއްތާކުގެ އެހީ ހޯދާއިގެން އެމީހުން އަތުލައިގަތުމުގެ މަސައްކަތް ކުރައްވާކަށްވެސް އޭނާ ވިދާޅުވިއެވެ.




