ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ ދަށުން ސައިޓް އޭއިން ހިއްކަން ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން 41 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފައިވާ ގޮތުގައި، ސައިޓް އޭއިން ހިއްކަން ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން މިހާތަނަށް 41 ހެކްޓަރުގެ ބިން ވަނީ އެއްކޮށް ހިއްކާ ނިންމާފައެވެ.
އެމްއޭސީއެލްއިން ބުނިގޮތުގައި މިއީ އެ ސަރަޙައްދުގެ މަސައްކަތުގެ ގާތްގަނޑަކަށް 30 އިންސައްތަ ކުރިއެރުމެކެވެ. ރަސްމާލެ މަޝްރޫޢަކީ ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ބިޔަ މަޝްރޫޢެކެވެ.

މި މަސައްކަތް ކުރިއަށްދަނީ މުޅި ސަރަޙައްދު 12 ބަޔަކަށް ބަހާލައިގެން، ތިން ފަރާތަކުން ބައިވެރިވެގެންނެވެ.
މި މަޝްރޫޢުގެ ދުވެލި ހަލުވިކުރުމުގެ ގޮތުން އެމްއޭސީއެލްއިން ވަނީ ދެ ޑްރެޖަރެއް މި މަސައްކަތަށް އިތުރުކޮށްފައެވެ. ސަރުކާރުން ހާމަކުރެއްވި ގޮތުގައި، ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރޭޖަރު ކަމަށްވާ ”ކްރިސްޓޮބަލް ކޮލޮން” ބޭނުންކޮށްގެން ބިން ހިއްކުމުގެ މަސައްކަތް މި މަހުގެ 1 ވަނަ ދުވަހު ވަނީ ފަށާފައެވެ.

މި ބަދަލާއެކު މަސައްކަތުގެ ދުވެލި ވަރަށް ބޮޑަށް އަވަސްވެފައިވާކަން ސަރުކާރުން ފާހަގަކުރެއެވެ.
ރަސްމާލެއަކީ ތިމާވެއްޓާ ރައްޓެހި ”އިކޯ ސިޓީ“ އެއްގެ ގޮތުގައި ތަރައްޤީކުރުމަށް ސަރުކާރުން 2023 ވަނަ އަހަރު ފެށި މަޝްރޫޢެކެވެ. ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު، ރަސްމާލެ މާސްޓަރ ޕްލޭންގެ ދަށުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި އިޤްތިޞާދީ އެކި މަސައްކަތްތައް ފެށިގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.


