އިރުވައި މޫސުން ފެށުމާއެކު ޗާލު ފްލެމިންގޯ ނުވަތަ ދިވެހި ނަމުން ނަމަ ގުޑުގުޑާ ދޫނިތައް އަނެއްކާވެސް ހދ. ކުޅުދުއްފުށީ ކުޅިއަށް ޒިޔާރަތްކުރަން ފަށައިފިއެވެ.
މިއީ ކޮންމެ އަހަރަކުވެސް އިރުވައި މޫސުމާ ދިމާކޮށް ރާއްޖެއަށް ހިޖުރަކުރާ މި ދޫނިތައް ފެންނަ ދުވަސްވަރެވެ.
މި އަހަރުގެ އިރުވައި މޫސުން ފެށުމާއެކު މި ދޫނިތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ކުޅިތަކަށް ޒިޔާރަތްކުރަން ފަށާފައިވާއިރު، ކުޅުދުއްފުށީ ކުޅިން މިހާރު ވަނީ މި ދޫނިތައް ފެންނަން ފަށާފައެވެ.

ގުޑުގުޑާ ދޫންޏަކީ މޫސުމީ ހިޖުރަކުރާ ދޫންޏެކެވެ. އެހެން ނަމަވެސް ރާއްޖެއިން މިދޫނި ފެނި އެންމެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔައީ 2021 ވަނަ އަހަރުގައެވެ. 2021 ވަނަ އަހަރު ކުޅުދުއްފުށީ ކުޅިއަށް ގިނަ އަދަދެއްގެ ދޫނި އައިއިރު އޭގެ ތެރެއިން ބައެއް ދޫނި އަހަރެއްހާ ދުވަހު، ކުޅުދުއްފުށީ ކުޅީގައި ދިރިއުޅުނެވެ.

ހިތްގައިމު މި ދޫންޏަކީ އާއްމުކޮށް ރާއްޖެއިން ނުފެންނަ ދޫންޏަކަށް ނުވިނަމަވެސް މިއީ ވަކި މޫސުމެއްގައި އެކި ސަރަހައްދުތަކަށް ހިޖުރަކުރަމުން އަންނަ ދޫނިތަކެކެވެ.
ބައިބައި ގަނޑަށް ދަތުރުކުރާ މިދޫނިތައް އާއްމުކޮށް ފެންނަނީ ފެން ހެދޭ ކުޅިތައް ހުންނަ ސަރަހައްދުތަކުންނެވެ.
މި ދޫނި ރާއްޖޭގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާއިރު، އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މީގެ ކުރިންވެސް ވަނީ މި ދޫނިތަކަށް ގޯނާ ނުކުރުމަށާއި، އެ ދޫނިތަކުގެ ގުދުރަތީ މާހައުލަށް ދަތިވާނެ ފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކޮށްފައެވެ.




