ހުޅުމާލެއިން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތައް ބިދޭސީންނަށް ކުއްޔަށްދޭނަމަ ފިޔަވަޅު އަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
އެޗްޑީސީއިން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގައި ތަރައްޤީކޮށް، ޝަރުތު ހަމަވާ ފަރާތްތަކަށް ސަރުކާރުން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތައް، ބައެއް ފަރާތްތަކުން ގަވާއިދާ ޚިލާފަށް ބިދޭސީންނަށް ކުއްޔަށް ދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން އެތަންތަން ޖެނުއަރީ 3 ގެ ކުރިން ހުސްކޮށް އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރުމަށް އެޗްޑީސީން ވަނީ އަންގާފައެވެ.
އެޗްޑީސީއިން ވަނީ ސޯޝަލް ހައުސިންގެ ދަށުން ދޫކޮށްފައިވާ އެއްވެސް ޔުނިޓެއް، އެއްވެސް ފަރާތަކުން ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައިވާނަމަ، 3 ޖެނުއަރީ 2026 ގެ ކުރިން އެތަންތަން ހުސްކުރުމަށް އެ ފަރާތްތަކަށް އަންގާ، އެ ކޯޕަރޭޝަނާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރުމަށް ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެދިފައެވެ.
އެޗްޑީސީން ބުނީ، 3 ޖެނުއަރީގެ ފަހުން ހުޅުމާލެއިން ދޫކޮށްފައިވާ އެއްވެސް ސޯޝަލް ހައުސިން ޔުނިޓެއް ބިދޭސީންނަށް ކުއްޔަށް ދީފައިވާނަމަ، ވެފައިވާ ފްލެޓް އެއްބަސްވުން އުވާލެވޭނެ ކަމަށެވެ.



