މިމަހުގެ ކަރަންޓް ބިލު ބޮޑުވެގެން އުޅެނީ ސްޓެލްކޯގެ މައްސަލައަކުން ނޫން ކަމަށާއި، ބިލު ބޮޑުވުމަށް ދިމާވީ ހޫނު ގަދަވުމުގެ ސަބަބުން ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާޙަކަފުޅު ދައްކަވަމުން ފަހުމީ ވިދާޅުވީ، މި މަހުގެ ކަރަންޓު ބިލު އެހެން އަހަރުތަކާ ހިލާފަށް ބޮޑުކަން ފާހަގަކުރެވޭ ކަމަށާއި ނަމަވެސް އެ ބިލު ބޮޑުވީ ސްޓެލްކޯ އިން ކަމެއް ކޮށްގެން ނޫން ކަމަށެވެ.
ފަހުމީ ވިދާޅުވީ،ކަރަންޓު ބިލު ބޮޑުވެގެން އުޅެނީ ހޫނު ގަދަވުމުގެ ސަބަބުން ކަމަށާއި،ކޮންމެ ހޫނު މޫސުމެއްގައި ވެސް ކަރަންޓު ބިލު ބޮޑުވާ ކަމަށެވެ. މީގެ ކުރީގެ އަހަރުތަކުގައި ވެސް މިކަން ހަމަ މިގޮތަށް ހިނގާފައި އެބަހުރި ކަމަށާއި، މިހާރުގެ ފޯކާސްޓް ދައްކާގޮތުން އަންނަ މަހު ވެސް ކަރަންޓު ބިލު ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށް ފަހުމީ ވިދާޅުވި އެވެ.
ފަހުމީ މިހެން ވިދާޅުވެފައ މިވަނީ، ކަރަންޓު ބިލު އިންތިހާއަށް ބޮޑުވަމުން އަންނަކަަމށް ބުނެ އާންމުން ޝަކުވާ ކުރަމުންދަނިކޮށްނެވެ. މިދުވަސްވަރު ސޯޝަލް މީޑީއާގައިވެސް ގިނަ ބަޔަކު ދަނީ ބިލުތައް ހިއްސާކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.



