ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ދެކުނުގެ އަތޮޅުތަކަށް އަނެއްކާވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓުން މިފަހަރު ހުދު ސަމާލު ނެރެފައިވަނީ ގދ. އަތޮޅުން ފެށިގެން އައްޑޫސިޓީއަށެވެ. އެ އަތޮޅުތަކަށް ހުދު ސަމާލު ނެރުނީ މިއަދު ހަވީރު 17:00 އިން މިރޭގެ 22:00 އާއި ހަމައަށެވެ.
މެޓުން ނެރުނު ހުދު ސަމާލުގައި ބުނީ، މިވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މެޓުން އެސަރަހައްދަށް ހުދު ސަމާލު ނެރެފައިވާއިރު، ފާއިތުވި ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުގެ ހާދިސާތައް ވަނީ ހިނގާފައެވެ. މިފަދަ ހާދިސާތައް ހިނގި ނަމަވެސް، މިހާރު ހިނގަމުން ދަނީ އިރުވައި މޫސުން ކަމަށް މެޓުން ވަނީ ބުނެފައެވެ.
މެޓުން ބުނި ގޮތުގައި މިއަހަރުގެ އިރުވައި މޫސުން ފެށިފައިވަނީ މި ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.




