ފަތުރުވެރިކަމުގެ ޕީކް ސީޒަން ނިމޭއިރު ނ. މާފަރު އިންޓަނޭޝަނަލް އެއަރޕޯޓުގެ ޖެޓު މޫވްމަންޓް 800 އަށް އަރާނެކަމަށް ލަފާކޮށްފިއެވެ.
ފަތުރުވެރިކަމުގެ އެންމެ ބާރުބޮޑު ދުވަސްވަރު މިހާރު ފެށިފައިވާއިރު، މިހާތަނަށްވެސް 200 އަށްވުރެ ގިނަ ޖެޓު ވަނީ އެ އެއަރޕޯޓަށް ޖައްސާފައެވެ.
މާފަރު އެއާޕޯޓުގެ ޖެނެރަލް މެނޭޖަރ މުމްތާޒް އަލީ ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެެއްވަމުން ވިދާޅުވީ، މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޖެޓުތައް ޖައްސަމުން އަންނަ އިރު، މިވަގުތުވެސް 15 ވަރަކަށް ޖެޓު ޕާކުކޮށްފައި އެބައޮތް ކަމަށެވެ. އަދި އަންނަ އާދިއްތަ ނުވަތަ ހޯމަ ދުވަހުން ފެށިގެން ދުވާލަކު ޖައްސާ ޖެޓުތަކުގެ އަދަދު 25 އަށް ވުރެ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މުމްތާޒް ވިދާޅުވިއެވެ.
މި އަހަރު ޖެޓުތަކުގެ އަދަދު އިތުރުވެފައިވަނީ އެއާޕޯޓުގެ އޭޕްރަން ބޮޑުކޮށް، ޕާކިން ޖާގަ ދެގުނަ އިތުރުކުރުމާ ގުޅިގެންނެވެ.
މުމްތާޒް ވިދާޅުވީ ކުރިން އެއްފަހަރާ 13 ފްލައިޓް ޕާކްކޮށްފައި އޮތްނަމަވެސް މިހާރު އެއަދަދު އިތުރުވެ އެއްފަހަރާ 30 ވަރަކަށް ފްލައިޓަށް ޚިދުމަތް ދެވޭ ކަމަށެވެ. މި ބަދަލާއެކު ރ. އަތޮޅާއި ބ. އަތޮޅުގެ ލަގްޒަރީ ރިސޯޓުތަކަށް އަންނަ ފަތުރުވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބަދަލުގައި މާފަރަށް ޖެއްސުން ވަނީ އިތުރުވެފައެވެ.
ނިމިދިޔަ އަހަރު މާފަރު އެއާޕޯޓަށް ޖުމްލަ 579 ޕްރައިވެޓް ޖެޓު ޖައްސާފައިވާއިރު، މި އަހަރު އެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވެއެވެ. އާ އަހަރާ ދިމާކޮށް ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ މަހުޖަނުން އިތުރުވުމާއެކު، ރާއްޖޭގެ މައި އެއާޕޯޓު ވީއައިއޭގައި ވެސް މިހާރު ގިނަ އަދަދެއްގެ ޖެޓުތައް ވަނީ ޕާކުކޮށްފައެވެ.
2019 ވަނަ އަހަރު ހުޅުވި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓުން 60 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްޤީކޮށްފައިވާ އެއާޕޯޓެކެވެ.
އައިލެންޑް އޭވިއޭޝަނުން ހިންގާ މި އެއާޕޯޓަކީ އޭ320 އާއި ބޮއިން 737 މަރުކާގެ ބޯޓުފަހަރަށް ވެސް ޖެއްސޭ ފެންވަރުގެ، ރާއްޖޭގައި ދެވަނައަށް އެންމެ ގިނައިން ބައިނަލްއަޤުވާމީ އެއަރލައިންތަކަށް ޚިދުމަތްދޭ އެއާޕޯޓެވެ.



