ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނިވެރި ކުދިން ބަލަހައްޓާ މައިންބަފައިންނަށް ދައުލަތުން ދޭ އިނާޔަތުގެ ގޮތުގައި ކޮންމެ މަހަކު އެންމެ ގިނަވެގެން ލިބޭނީ 12,000 ރުފިޔާ ކަމަށް ކަނޑައަޅައި، އެހީ ދިނުމުގެ ގަވާއިދު މިއަދު އަލުން އިސްލާހުކޮށްފިއެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މި ބަދަލު ގެނެސްފައިވަނީ އިއްޔެ ގެޒެޓުކުރި އިސްލާހުގައި އެންމެ މަތީ ސީލިންގަކީ 15,000 ރުފިޔާ ކަމަށް ބަޔާންކުރުމަށްފަހު، މިއަދު އެ އަދަދު އަލުން މުރާޖައާ ކުރުމަށްފަހުއެވެ.
އަލަށް ގެނައި އިސްލާހުގައިވާ ގޮތުން، ހަތަރު ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް 3,000 ރުފިޔާ ދޭނެއެވެ. ނަމަވެސް ހަތަރު ކުދިންނަށްވުރެ އިތުރުވާނަމަ، އިތުރުވާ ކޮންމެ ކުއްޖަކަށް ދޭނީ 1,000 ރުފިޔާއެވެ. މި އުސޫލުގެ ދަށުން މަހެއްގެ މައްޗަށް އެކަކަށް ދެވޭނެ އެންމެ މަތީ އަދަދަކީ 12,000 ރުފިޔާއެވެ. އަދި އަހަރަކު އެކަކަށް އެންމެ ގިނަވެގެން ދެވޭނީ 144,000 ރުފިޔާ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މި އާ އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
މީގެ ކުރިން އަމަލުކުރަމުން އައި އުސޫލުގައި އެކަނިވެރި ބެލެނިވެރިންނަށް ކޮންމެ ކުއްޖަކަށް ދެމުން އައީ 1,000 ރުފިޔާއެވެ. އަދި މަހެއްގެ މައްޗަށް އެންމެ ގިނަވެގެން ދެމުން އައީ 10,000 ރުފިޔާއެވެ. މީގެ އިތުރުން، ގަވާއިދަށް އަލަށް ގެނައި ބަދަލުތަކުގެ ތެރޭގައި، އެހީއަށް އެދޭ ފަރާތުގެ އަމިއްލަ ބޭންކު އެކައުންޓުގެ އިތުރުން، އެ ފަރާތުން އެދޭ އެހެން އެކައުންޓަކަށްވެސް ފައިސާ ޖަމާކޮށްދެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.
އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އިނާޔަތް ބޮޑުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް ވައުދުވެވަޑައިގެންފައިވަނީ އެންމެ ގިނަވެގެން އެކަކަށް ދެވޭނެ އަދަދަކީ 12,000 ރުފިޔާ ކަމަށް ހަމަޖެއްސެވުމަށެވެ. މި ބަދަލު ގެންނަވާނެކަން ރައީސް އިއުލާނުކުރެއްވީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
މި އިނާޔަތް ބޮޑުކުރުމަށްޓަކައި އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި 211 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.



