ހދ.ނޮޅިވަރަންފަރު ކައުންސިލުން ފަސް ބަނބުކެޔޮ ގަސް ކުއްޔަށްދޭން އިއުލާނުކޮށްފި އެވެ.
އެރަށު ކައުންސިލުން މިކަމާއިގުޅޭ ގޮތުން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ އެރަށު އެލިއާ އަވަށު ކިލެގެފާނުމަގުގެ އުތުރުން، އެދުރުކަލޭފާނުމަގުގެ އިރުމަތީގައިވާ ހުސްބިމުގައި ހުރި 05 ގަސް ބަނބުކެޔޮ ކުއްޔަށް ދޭން ނިންމާފައިވާކަމަށެވެ.
ބަނބުކެޔޮ ގަސްތައް ކުއްޔަށްދެނީ 1 އަހަރުދުވަހުގެ މުއްދަތަކަށް، އެސަރަހައްދު ކޮންމެ ހަފްތާ އަކު 3 ދުވަހު ވިނަނޮޅާ ކުނިކާ ސާފުކުރުމަށް ޝަރުތުކޮށްކަމަަށް ކައުންސިލުން ބުނެފައި ވެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަމުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އިއްޔެއިން ފެށިގެން 6 މެއިގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.
ބަނބުކެޔޮ ގަސްތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން،މިކަމާއި ގުޅޭ މައުލޫމާތު ސާފުކުރުމަށްފަހު 12 މެއި ވާ އާދީއްތަ ދުވަހުގެ 10:00 ގެކުރިން އަންދާސީ ހިސާބު ހުށަހެޅުމަށް ކައުންސިލުން އެދިފައި ވެއެވެ. އަދި، އަންދާސީ ހިސާބު ހުށަހަޅާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.



