ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ރަޝިއާގެ ގައުމީ އެއާލައިން، އޭރޯފްލޮޓް އަށް ހިދުމަތް ދޭން ފަށައިފިއެވެ.
ޓާމިނަލް 1 އިން އޭރޯފްލޮޓް އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް އެ ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޕްރިންސިޕަލް ސެކްރެޓްރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯ ހުސެއިން ފަހުމީއެވެ.
ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އާއި އޭރޯފްލޮޓްގެ ފަރާތުން ރާއްޖޭގައި ހުންނަ ޖެނެރަލް މެނޭޖަރު އެވްގެނީ ރަޓުޝްނީ އާއި ރަޝިއަން ފެޑެރޭޝަނުން ރާއްޖެއަށް އައްޔަންކުރައްވާފައި ހުންނަވާ ކޮންސުލް ޖެނެރަލް އެލެކްސީ އެމް އިޑަމްކިން އާއި އޭރޯފްލޮޓްގެ އޮފިޝަލުންނާއި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޓާމިނަލް 1 އިން އޭރޯފްލޮޓްއަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 133 ފަސިންޖަރުންނަށް ހަދިޔާ ދީފައެވެ. އަދި ޓާމިނަލްއަށް ކައިރި ކުރި އޭރޯފްލޮޓްގެ ފުރަތަމަ ފްލައިޓް، SU-320 އިން ރާއްޖެ އައި 384 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.
އޭރޯފްލޮޓްއަކީ ރަޝިއާގެ އެންމެ ބޮޑު އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 4 އޮގަސްޓް 1994ގައެވެ.
އޭރޯފްލޮޓް އާއެކު ޓާމިނަލް 1 އިން މިހާރު ދަނީ 39 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ.




