”އޮޕަރޭޝަން ކުރަނގި“ އިފްތިތާހުކޮށް އަމަލީ މަސައްކަތް ފަށައިިފި އެވެ.
“އޮޕަރޭޝަން ކުރަނގި“ އަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު، ސައްތަ އިން ސައްތަ ބައޯމެޓްރިކަލީ ކަށަވަރުކުރުމަށް، ކަމާގުޅުންހުރި މުއައްސަސާތައް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ޤައުމީ ފެންވަރުގެ ޙަރަކާތެކެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި، ފުލުހުންނާއި، އިމިގްރޭޝަން ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ”އޮޕަރޭޝަން ކުރަނގި“ މިއަދު ކ. ހިންމަފުށީގައި އިފްތިތާހުކޮށްދެއްވީ މިނިސްޓަރު އަލީ އިހްސާން އެވެ.
ހިންމަފުށީގައި މިއަދު މި އޮޕަރޭޝަންގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، ކުރިޔަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި މި އޮޕަރޭޝަން ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
މި އޮޕަރޭޝަންގެ ދަށުން މަސައްކަތް ކުރާނީ ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ނިޒާމުގެ ތެރެއަށް ގެނައުމަށްކަމަށާއި، މި އޮޕަރޭޝަންގެ ދަށުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ފިންގާޕްރިންޓާއި ފޮޓޯގްރަފިކް އައިޑެންޓިފިކޭޝަނާ އެއްކޮށް ބައޮމެޓްރިކް ޑާޓާއާ އެއްކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ބުނެފައި ވެއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު އެނގިފައެއް ނުވެއެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދާ އެމީހުން ޑީޕޮޓް ކުރުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފަށާފައެވެ.




