ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން މުޅިން އަލަށް ބާއްވާ 14 އަހަރުންދަށުގެ ޗެމްޕިއަންޝިޕް އަންނަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.
އެފްއޭއެމް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި މުބާރާތުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ހުނަރުވެރި ޒުވާން ކުޅުންތެރިން އުފެއްދުމާއި ގްރާސްރޫޓް ފުޓްބޯޅަ ދިރުވާ އާލާކުރުން ކަމަށެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މި މުބާރާތުގައި ވާދަކުރެވޭނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކޮށްފައިވާ އަދި އެފްއޭއެމްގެ އެކަޑަމީ އެކްރެޑިޓޭޝަން ކްރައިޓީރިއާ ފުރިހަމަކޮށްފައިވާ އެކަޑަމީތަކަށެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ ޖެނުއަރީ މަހުގެ 11 ވާ އާދިއްތަ ދުވަހުގެ 15:00 އެވެ.
އެފްއޭއެމް އިން ބުނި ގޮތުގައި އެކްރެޑިޓޭޝަން ފުރިހަމަ ނުކުރާ އެކަޑަމީތަކަށް ވެސް މުބާރާތުގައި ބައިވެރިވުމަށްފަހު އެކްރެޑިޓޭޝަން ފުރިހަމަކުރުމުގެ ފުރުސަތު ދެވޭނެއެވެ.
މި ޗެމްޕިއަންޝިޕަކީ އެފްއޭއެމް އިން ޒުވާން ކުޅުންތެރިން އުފެއްދުމަށް ކަނޑައަޅާފައިވާ ދިގުރާސްތާ ޕްލޭންގެ ދަށުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. މީގެ މަގުސަދަކީ ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތުތައް ފަހިކޮށްދީ، ޒަމާނީ ފެންވަރުގައި ފުޓްބޯޅަ ތަރައްގީކުރުމެވެ.
އެފްއޭއެމްގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޓްބޯޅަ ފުޅާކޮށް، ވަރުގަދަ ބިންގަލެއްގެ މަތީގައި މި ކުޅިވަރު ތަރައްގީކުރުމެވެ.




