ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދު ކޮށްގެން ރާއްޖެ އަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޢާފިޔާ / ހއ. ހޯރަފުށި، އަޙްމަދު ޢަލީ (47އ) އާއި ގޯލްޑަންހައުސް / ގދ. ތިނަދޫ މުޙައްމަދު ޢާދިލް (57އ) ކަމަށެވެ.
މި ދެމީހުންގެ ތެރެއިން އަޙްމަދު ޢަލީ ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށާއި އަދި މުޙައްމަދު ޢާދިލް ހައްޔަރުކޮށްފައިވަނީ އިއްޔެ ކަމަށް ފުލުހުން ބުނެ އެވެ. އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 5 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފަ އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ މި ތަކެތި ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރެއިން ކަމަށެވެ.
ކަސްޓަމްސް އިން ބުނީ މި އޮޕަރޭޝަނުގައި، ފުޅިތަކުގެ ތެރޭ ހުރި ތަކެތި ޓެސްޓުކޮށް އެއީ ކޮންޗެއްތޯ ބަލާފައިވާ ކަމަށާއި މި ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރުމުން ޕޮޒިޓިވްވެފައިވަނީ ހަޝިޝް އޮއިލަށް ކަމަށެވެ.
އެ ތަކެތީގެ ބަރުދަން 40 ކިލޯ އަށް ވުރެ މަތިވާނެ ކަމަށާއި މަގުމަތީގެ އަގު ވެސް 30 މިލިއަނަށް ވުރެ އިތުރު ކަމަށް ކަސްޓަމްސް އިން ބުނެއެވެ.



