ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޕްރޮމޯޓްކޮށް، އެ ޖަމާއަތުގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރި ކަމަށް ސާބިތުވި ހޫދު މުޙައްމަދު ޒާހިރު 23 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ހޫދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ 2015 ވަނަ އަހަރުން ފެށިގެން 6 ޖަނަވަރީ 2022 ގެ ނިޔަލަށް، ތަފާތު އެކި ނަންނަމުގައި ސޯޝަލް މީޑިއާ އެކައުންޓްތައް ހަދައިގެން އައިއެސްގެ ޕްރޮޕެގެންޑާ ފެތުރުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބުނެއެވެ.
އޭނާ ވަނީ އެކި ބަސްބަހުން ތައްޔާރުކޮށްފައިވާ ލިޔުންތަކާއި، ފޮޓޯ އަދި ވީޑިއޯތައް ހިއްސާކޮށް، އައިއެސްގެ ޚަބަރު ފަތުރާ މީޑިއާ އޮޕަރޭޓަރެއްގެ ހައިސިއްޔަތުން މަސައްކަތް ކޮށްފައެވެ.
މި މައްސަލައިގައި ހޫދުގެ މައްޗަށް ޖުމްލަ ފަސް ދައުވާއެއް އުފުލިއިރު، މިއަދު ކްރިމިނަލް ކޯޓުން ވަނީ އޭގެ ތެރެއިން ތިން ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ. އެގޮތުން ޓެރަރިސްޓް ޖަމާޢަތެއްގެ މެންބަރަކަށްވުމުގެ ކުށުގައި 15 އަހަރު، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުމުގެ ކުށުގައި 5 އަހަރު، އަދި ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމާއި ފޮޓޯ ގެންގުޅުމުގެ ކުށުގައި 3 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.
ނަމަވެސް، އޭނާގެ މައްޗަށް އުފުލާފައިވާ އިންޓަނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާއާއި، އިންޓަނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިޔުންތައް ފެތުރުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.
ތަހުގީގުން ހާމަވެފައިވާ ގޮތުގައި، ހޫދު ވަނީ އޭނާގެ ފޯނު ބޭނުންކޮށްގެން ދުނިޔޭގެ އެކި ގައުމުތަކުގައި ތިބި އައިއެސްއަށް ތާއީދުކުރާ މީހުންނާ މުއާމަލާތުކޮށްފައެވެ. އަދި މިކަންކަން ސިއްރުކުރުމަށްޓަކައި ހާއްސަ އެޕްލިކޭޝަންތަކެއް ބޭނުންކޮށްފައިވާކަން ވެސް ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.




