ދިވެހި ފިލްމު ”ކަމަނާ“ އަށް ބައިނަލްއަގުވާމީ ތިން އެވޯޑެއް ރޭގައި ލިބިއްޖެއެވެ.
ސެޓަރން ސްޓޫޑިއޯއިން މިދިޔަ އަހަރުގެ އޮގަސްޓު މަހު ނެރުނު މި ފިލްމަށް ފަޚުރުވެރި ތިން އެވޯޑެއް ލިބިފައިމިވަނީ، ރޭގައި ބޭއްވި އިންޑިއާގެ ފަސްވަނަ ކަރުނާޓަކާ ފިލްމު ފެސްޓިވަލުންނެވެ.
އެގޮތުން ފިލްމު ”ކަމަނާ“ އަށް ލިބިފައިވަނީ:
° އެންމެ މޮޅު ޑައިރެކްޓަރ – ހުސެއިން މުނައްވަރު
° އެންމެ މޮޅު އަންހެން ލީޑް އެކްޓްރެސް – މަރިޔަމް އައްޒަ
° އެންމެ މޮޅު ފިރިހެން ލީޑް އެކްޓަރ – ޔޫސުފް ޝަފީއު (ޔޫއްޕެ)
އެވޯޑު ލިބުމާ ގުޅިގެން ފިލްމުގެ ޑައިރެކްޓަރު މުނައްވަރު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ”ކަމަނާ“ އަށް ލިބުނު މި ކާމިޔާބީއަކީ މުޅި ދިވެހި ފިލްމު އިންޑަސްޓްރީއަށް ލިބުނު ކާމިޔާބީއަކާއި ފަޚުރެއް ކަމަށެވެ. އަދި އެ ފިލްމުގެ ކާމިޔާބީގެ ފަހަތުގައި އޮތީ އެ ފިލްމުގެ މުޅި ޓީމުކަން ފާހަގަކޮށް، އޭނާވަނީ އެ އެންމެންނަށް ޝުކުރު އަދާކޮށްފައެވެ.
ފިލްމު ”ކަމަނާ“ ޑައިރެކްޓް ކުރުމުގެ ޒިންމާ މުނައްވަރާ ހަވާލުކުރީ، ފިލްމުގެ ޕްރޮޑިއުސަރު ޝާނީޒް އަލީ އޭނާއަށް ކުރި އިތުބާރެއްގެ ބޮޑުކަމުން ކަމަށާއި، އޭގެ ފޮނި ނަތީޖާ ނެރެވިއްޖެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް މުނައްވަރު ވަނީ ބުނެފައެވެ.
މީގެއިތުރުން ފިލްމުގެ ވާހަކަ އަދި ސްކްރިޕްޓް އެކުލަވާލި މަހްދީ އަހްމަދާއި ފިލްމަށް މިއުޒިކް ތައްޔާރުކޮށްދިން ޓީމުގެ އިތުރުން ފިލްމުގެ ޓެކްނިކަލް ޓީމު ވެސް ހުސައިންގެ ޝުކުރުގެ ލިސްޓުގައި ވަނީ ހިމަނާލާފައެވެ.
ގެވެށި އަނިޔާގެ މައްޗަށް ބިނާ ކޮށްފައިވާ މި ފިލްމުގައި ޔޫއްޕެ އާއި އައްޒަގެ އިތުރުން ހަރަކާތްތެރިވެފައިވާ މުހިންމު ތަރިންނަކީ އާމިނަތު ރަޝްފާ (އާޝާ)، މުޙައްމަދު ރަޝީދު (ދަރާ)، ނަތާޝާ ޖަލީލް، މުޙައްމަދު މަނިކު އަދި އަހުމަދު ނިމާލް އެވެ.



