އާ އަހަރާ ދިމާކޮށް ފުލުހުން ކުރިއަށްގެންދާ ”އޮޕަރޭޝަން ރިވެލި” ގެ ތެރެއިން މިހާތަނަށް 3,986 މީހަކު ހުއްޓުވައި ސުވާލުކޮށް، 29 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނިގޮތުގައި، މި މަހުގެ 24 އިން 28 އަށް މާލެއިން 1,693 މީހަކު ހުއްޓުވައި ސުވާލުކޮށްފައިވާއިރު، އޭގެ ތެރެއިން 26 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ހުޅުމާލެއިން 2,293 މީހަކު ހުއްޓުވައި ސުވާލުކޮށް، ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ.
މާލެއިން ހުއްޓުވި މީހުންގެ ތެރޭގައި 95 ބިދޭސީން ހިމެނޭއިރު، ހުޅުމާލެއިން ހުއްޓުވި މީހުންގެ ތެރޭގައި 46 ބިދޭސީން ހިމެނެއެވެ.
މި އޮޕަރޭޝަންގެ ތެރެއިން މާލޭގެ 6,491 ސަރަހައްދެއް ބަލައިފާސްކޮށް، 1,954 އުޅަނދެއް ޗެކްކޮށްފައިވެއެވެ. މީގެ ތެރެއިން 397 ފަރާތެއް ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ހުޅުމާލޭގައި ކުރިއަށްދިޔަ ހަރަކާތްތަކުގެ ތެރެއިން 1,879 އުޅަނދެއް ޗެކްކޮށް، 28 ފަރާތެއް ވަނީ ޖޫރިމަނާކޮށްފައެވެ.
އާ އަހަރާ ދިމާކޮށް ފުލުހުން ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ ވައްކަމާއި ފޭރުން ހުއްޓުވުމަށާއި، ބަނގުރަލާއި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައް މަދުކުރުމަށް ހިންގާ އޮޕަރޭޝަނެކެވެ. މީގެ އިތުރުން ސައިލެންސަރު މޮޑިފައިކޮށްގެން އަޑުގަދަކޮށް ދުއްވާ ފަރާތްތަކަށް ފާރަވެރިވުމާއި، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް އުޅޭ މީހުން ހުއްޓުވައި ފިޔަވަޅު އެޅުމަކީވެސް މި އޮޕަރޭޝަންގެ މުހިންމު ބައެކެވެ.
ފުލުހުން ބުނިގޮތުގައި، މިއަހަރުގެ މި އޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން އަމަލީ ގޮތުން ހަރަކާތްތެރިވަމުންދާނެއެވެ.



