މުނިފޫހިފިލުވުމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކުރާ ސިނަމާ ކޮމްޕްލެކްސްތަކުގެ ތެރެއިން އައްޑޫ އާއި ކުޅުދުއްފުށީގައި ސިނަމާ އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ޔޫތު މިނިސްޓަރު އިބްރާހީމް ވަޙީދު ވިދާޅުވެއްޖެއެވެ.
މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މުނިފޫހިފިލުވުމުގެ ދާއިރާ ތަރައްޤީކުރުމުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން ހުޅުމާލޭގައި ޒަމާނީ ސިނަމާ ކޮމްޕްލެކްސްއެއް އެޅުމަށް ބޭނުންވާ ބިން ހަމަޖެއްސުމަށް އެޗްޑީސީއާއެކު މަޝްވަރާ ކުރަމުންދާ ކަމަށާއި، އަންނަ އަހަރުގެ ތެރޭގައި އެ މަސައްކަތް ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަލަށް ޤާއިމްކުރާ ސިނަމާތަކުގެ ތަފްސީލް ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި ތަންތަނުގައި އެއްފަހަރާ ހަތަރު ސްކްރީނުގައި ފިލްމު ދެއްކޭނެ އިންތިޒާމު ހުންނާނެ ކަމަށެވެ.
”އެއްފަހަރަކާ ނޫން 4 ފިލްމު ބަލަނީ. 4 ސްކްރީނުގައި 4 ތަނުގައި އިންނާނީ. އެކި ވައްތަރު ފިލްމު ބަލަން ބޭނުންވާނަމަ އެ ފުރުސަތުތަކޭ މި ހުޅުވާލަނީ. އޭގެ ތެރެއިން އެއް ސްކްރީން ޚާއްޞަ ކުރާނަން ދިވެހި ފިލްމު އެޅުވުމަށް“ މިނިސްޓަރު ވިދާޅުވިއެވެ.
ކުޅުދުއްފުށި ސިޓީގައި ސިނަމާ އެޅުމަށް ބޭނުންވާ ކަރުދާހުގެ މަސައްކަތްތައް މިހާރު ކުރަމުންދާކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ އަތޮޅުތަކުގައި ފިލްމު އެޅުވުމަށް ފިލްމު އުފައްދާ ފަރާތްތަކަށް ހުރި ދަތިތަކަށް މި މަޝްރޫޢުގެ ސަބަބުން ހައްލެއް ލިބޭނެ ކަމަށެވެ.
މާލޭގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައި ފިލްމު އެޅުވޭނެ ފުރިހަމަ އިންތިޒާމުތަކެއް ހުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
ރާއްޖޭގައި މިހާރު އެންމެ ފުޅާދާއިރާއެއްގައި ސިނަމާގެ ޚިދުމަތް ދެމުން އަންނަނީ 1957 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ އޮލިމްޕަހުގައެވެ. ނަމަވެސް އޮލިމްޕަހުގައި އެއް ވަގުތެއްގައި ދެއްކެނީ އެންމެ ފިލްމެކެވެ.
ސަރުކާރުގެ އާ މަޝްރޫޢާއެކު، އަންނަ އަހަރުގެ ތެރޭގައި އަތޮޅުތަކުގެ ބޮޑެތި ސިޓީތަކުގައި ޒަމާނީ ސިނަމާގެ ޚިދުމަތް ލިބިގެންދާނެއެވެ.




