ކުރީގެ ދިވެހި ފިލްމު ޑައިރެކްޓަރު އަބްދުލް ފައްތާހު މިރޭ ނިޔާވެއްޖެއެވެ.
ފައްތާހު ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.
ފައްތާހު ނިޔާވީ އުމުރުން 54 އަހަރުގައެވެ.
އަމިއްލަ ރަށް ހއ. ކެލާގައި ދިރިއުޅެމުންދިޔަ ފައްތާހަށް ހާޓް އެޓޭކެއް ޖެހިގެން އިމަޖެންސީގައި ފަރުވާއަށް ދިއްދުއަށް ގެންދިޔައީ މިރޭ އިރާކޮޅުގެ ވަގުތެއްގައެވެ. ނަމަވެސް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އޭނާ ވަނީ ނިޔާވެފައެވެ.
ފައްތާހު ނިޔާވިއިރު، އޭނާ އައީ އަންނަ އަހަރުގެ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ކެލާ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރުމަށް ތައްޔާރުވަމުންނެވެ.
އެ އިންތިހާބުގައި ވާދަކުރުމަށް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ޓިކެޓު ވެސް އޭނާއަށް ވަނީ ލިބިފައެވެ.
ކައުންސިލް އިންތިހާބުގައި ވާދަކުރާނެކަން އިއުލާނުކޮށް ފައްތާހު މީގެ ކުރިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކެލާ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލަނީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގެ މިންނެތް ވިސްނުމުގައި ކަމަށެވެ.
ފައްތާހަކީ ދިވެހި ފިލްމީ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކޮށް، ކާމިޔާބު ގިނަ ފިލްމުތަކެއް އުފައްދާފައިވާ ފަންނާނެކެވެ.


