މިއަހަރު ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ ހާސިލްކޮށްފައިވާ ބޮޑެތި ކާމިޔާބީތައް ފާހަގަކުރުމަށާއި އައު އަހަރަށް މަރުހަބާ ކިޔުމަށްޓަކައި، ”މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް“ގެ ނަމުގައި ހާއްސަ ފެސްޓިވަލެއް މިއަދު ފަށައިފިއެވެ.
މި ފެސްޓިވަލް ކުރިއަށްދަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
މި ފެސްޓިވަލަކީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި، ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާގެ އިތުރުން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން އިންތިޒާމުކުރާ ހަރަކާތެކެވެ.
މިއަދު ހަވީރުން ފެށިގެން ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް މި ފެސްޓިވަލް ކުރިއަށްދާނެއެވެ.
މި ފެސްޓިވަލުގެ ތެރެއިން އައު އަހަރާ ގުޅުވައިގެން ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އެގޮތުން ކާބޯތަކެތީގެ ރަހަތަކަށް ލޯބިކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ތަފާތު ބާވަތްތައް ލިބޭނެ ފުޑް ސްޓޯލްތަކެއް ސެންޓްރަލް ޕާކުގައި ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން އެކި އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން ތަފާތު ކުޅިވަރުތައްވެސް މި ސްޓޯލްތަކުގައި ކުރިއަށްދެއެވެ.
ކުޑަކުދިން ވަރަށް ގަޔާވާނެ ގޮތަކަށް ސްޓޯލްތައް ފަރުމާކޮށްފައިވާއިރު، މި ހަރަކާތްތަކަކީ ވަރަށް މަޖާ ހަރަކާތްތަކެއް ކަމަށް ފެސްޓިވަލަށް ޒިޔާރަތްކުރި ބައެއް ކުދިން ވަނީ ބުނެފައެވެ.
މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް އާންމުންގެ ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ޑްރޯން ޝޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަވާ އެރުވުމުގެ ހަރަކާތްތަކާއި، ރާއްޖޭގެ މުއްސަނދި ސަޤާފަތް ދައްކުވައިދޭ ތަފާތު ހަރަކާތްތައް މި ފެސްޓިވަލުގެ ތެރެއިން ފެނިގެންދާނެއެވެ.



