ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޓާމިނަލް އެކެއްގައި ދިވެހީންނަށް އީ-ގޭޓްގެ ޚިދުމަތް ދޭން ފަށައިފިއެވެ.
މި ޚިދުމަތް އެތަނުގައި މިއަދު ފައްޓަވައި ދެއްވީ، ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންސް، އަޙްމަދު ފަސީހުއެވެ. އެ ކަމަށްޓަކައި މިއަދު ބޭއްވި ހަފުލާގައި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީނާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސީއީއޯ އަދި މެނޭޖިން ޑިރެންޓަރު އިބްރާހީމް ޝަރީފާއި އެހެން އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްއޭސީއެލް އިން ބުނި ގޮތުގައި މިއަދުން ފެށިގެން އާ ޓާމިނަލްގެ އެރައިވަލްގައި ފަސް އީ-ގޭޓު އަދި ޑިޕާޗާގައި ފަސް އީ-ގޭޓު ބަހައްޓާފައިވެއެވެ.
މިކަމާ ބެހޭގޮތުން އިމިގްރޭޝަނުން ބުނީ މި ޚިދުމަތް ފެށީ ހަމައެކަނި ދިވެހީންނަށް ކަމުގައި ވީނަމަވެސް، ކުރިއަށް އޮތްތަނުގައި މި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން އެރައިވަލްގައި 10 އީ-ގޭޓު އަދި ޑިޕާޗާގައި 10 އީ-ގޭޓު ބަހައްޓައި، ބިދޭސީން ހިމެނޭނޭހެން ޚިދުމަތް ފަށާނެ ކަމަށެވެ. އަދި އެ ޚިދުމަތް މި ފެށޭ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާ ތެރޭގައި ލިބިގެންދާނެކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ އީގޭޓެއް ގާއިމުކުރީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެ ޚިދުމަތް އާ ޓާމިނަލްގައި ފެށީ މިއަދެވެ.



