އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހެލްތް މިނިސްޓްރީގެ ބެލުމުގެ ދަށުން މިހާރުވެސް ޢުމްރާނީ ތަރައްޤީގެ 170އެއްހާ މަޝްރޫޢު ކުރިއަށްދާކަމަށް ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ހެލްތް މިނިސްޓްރީން އަލަށް ތަޢާރަފްކުރި ސޮފްޓްވެއާތައް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، އަތޮޅުތެރޭގެ ރަށްރަށުން ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޚާއްސަ އިސްކަމެއް ދެއްވާ ސިޔާސަތެކެވެ. މި ސިޔާސަތު ތަންފީޒުކުރުމަށް ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ ތަފްޞީލު ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މީގެ ތެރޭގައި މުޅިން އަލަށް ގާއިމްކުރާ 28 ހޮސްޕިޓަލަކާއި، އަތޮޅު ހޮސްޕިޓަލުތައް އަޕްގްރޭޑްކުރުމުގެ 14 މަޝްރޫއެއް ހިމެނޭ ކަމަށެވެ. މީގެ އިތުރުން މުޅިން އަލަށް އިމާރާތްކުރާ 24 ޞިއްޙީ މަރުކަޒަކާއި، ބާވެ ވީރާނާވެފައިވާ 97 ޞިއްޙީ މަރުކަޒެއް މަރާމާތުކުރުމުގެ މަސައްކަތްވެސް އެކި މަރުހަލާތަކުގައި ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”ކަން ހިންގުމުގެ ނިޒާމަށް އަންނަ ހެޔޮ ބަދަލާއި، މުޅި ވިސްނުމަށް އަންނަ ބަދަލު ނައިސް އަޅުގަނޑުމެންނަށް މި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑި ހާސިލްނުކުރެވޭނެ. ޚާއްސަކޮށް ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ލާމަރުކަޒީ ނިޒާމުގެ ތެރެއިން މި ޚިދުމަތް ފުޅާކޮށްގެން މެނުވީ ރައްޔިތުންނާ ގާތުން ޚިދުމަތެއް ނުދެވޭނެ،“ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ރައީސް ގެންގުޅުއްވާ ލާމަރުކަޒީ ވިސްނުމަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވިއެވެ.
ޢުމްރާނީ ތަރައްޤީގެ އިތުރުން، އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ކުރެވުނު މަސައްކަތްތަކަށްވެސް މިނިސްޓަރު ބައްލަވާލެއްވިއެވެ. އެގޮތުން ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ޞިއްޙީ ދާއިރާއަށް 1700އަށްވުރެ ގިނަ މުވައްޒަފުން އިތުރުކުރެވިފައިވާ ކަމަށާއި، އޭގެ ތެރެއިން 1000އެއްހާ މުވައްޒަފުންނަކީ އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކަށް އައްޔަންކުރެވުނު މުވައްޒަފުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލެއްވީ، އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލްތައް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަން ފާހަގަކުރައްވައި، ޞިއްޙީ ނިޒާމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހައްމިއްޔަތުކަމަށްޓަކައި ޝުކުރު އަދާކުރައްވަމުންނެވެ.



