ތެލެސީމިއާ ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، އަންނަ އަހަރުގެ ޖަނަވަރީ 1 އިން ފެށިގެން ކޮންމެ މަހަކު 2،000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
މިއީ ރާއްޖޭގައި ތެލެސީމިއާ ބަލިމީހުންނަށް ދައުލަތުން މިފަދަ އިނާޔަތެއް ދޭން ނިންމި ފުރަތަމަ ފަހަރެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން 2026 ވަނަ އަހަރު އަލަށް ފަށާ ޕްރޮގުރާމުތައް އިފުތިތާހުކުރުމަށް މިއަދު ބޭއްވި ހާއްސަ ހަފުލާއެއްގައި، މި ޕްރޮގުރާމު އިފުތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ.
މިނިސްޓަރު އިފުތިތާހުކޮށްދެއްވި މުހިއްމު ތިން ޕްރޮގުރާމުގެ ތެރޭގައި ތެލެސީމިއާ ބަލިމީހުންނަށް މަހަކު 2،000 ރުފިޔާގެ އިނާޔަތެއް ދޭން ފެށުން ހިމެނެއެވެ.
މި އިނާޔަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، 21 އޮކްޓޯބަރު 2025 ގައި ލ. ގަމު ރައްޔިތުންނާ ބައްދަލުކުރައްވައި ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ދޭން ނިންމި އެހީއެކެވެ. ރައީސް ވަނީ މިކަމަށް ބޭނުންވާ ފައިސާ 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެކަން ކުރިން އިއުލާނުކުރައްވާފައެވެ.
މި ޕްރޮގުރާމް ރަސްމީކޮށް ތަންފީޒުކުރަން ފަށާނީ 1 ޖަނަވަރީ 2026 އިން ފެށިގެންނެވެ.
ތެލެސީމިއާ ބައްޔަކީ ރާއްޖޭގައި ގިނަ ބަޔަކު ތަހައްމަލުކުރަމުންދާ ބައްޔަކަށް ވުމާއެކު، މި ސަރުކާރުން އަންނަނީ މި ބަލީގެ މީހުންނަށް ފަރުވާ ފޯރުކޮށްދިނުމުގައި ހާއްސަ އިސްކަމެއް ދެމުންނެވެ. އެގޮތުން މާލޭގައި ހުރި ތެލެސީމިއާ ސެންޓަރު ވީރާނާވުމާ ގުޅިގެން، ހުޅުމާލޭ އޮރެންޖް ބިލްޑިންގްގައި އާ ސެންޓަރެއް ތަރައްގީކޮށް މިހާރު ވަނީ ހިދުމަތް ދޭން ފަށާފައެވެ.
މީގެ އިތުރުން، މެދުކެނޑިފައި އޮތް ބޯންމެރޯ ހެދުމުގެ ޕްރޮގުރާމު މި ސަރުކާރުން އަލުން ފަށައި، މިހާތަނަށް ގިނަ އަދަދެއްގެ ކުދިންނަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހަދައިދީފައިވާކަން ފާހަގަކުރެވެއެވެ.




