ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށް ދާއިމީ ކޯޓާ ދޫކުރުމުގެ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ވަރކްސައިޓް ޑިކްލަރޭޝަން ފޯމް ހުށަހެޅުމުން ނޫނީ ބިދޭސީން ނުގެނެވޭ ގޮތަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ނިންމައިފިއެވެ.
މިނިސްޓްރީން ގެޒެޓްކުރި އިއުލާނެއްގައި ބުނެފައިވަނީ، މާދަމައިން ފެށިގެން ދާއިމީ ކޯޓާ ދޫކުރާ މަސައްކަތްތަކަށް ވަރކް ސައިޓް ރަޖިސްޓްރީ ކޮށްދެވޭނީ، މިހާރު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ އިތުރުން ނޮޓޮރައިޒް ކޮށްފައިވާ ”ވަރކް ސައިޓް ޑިކްލަރޭޝަން ފޯމު“ އަދި އިޤްރާރު ހުށަހެޅުމުން ކަމަށެވެ.
މި ފޯމާއި އިޤުރާރު އެކްސްޕެޓް ސިސްޓަމްގެ ހޯމްޕޭޖުން ލިބެން ހުންނާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ވަރކް ސައިޓް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ލިޔެކިއުންތަކުގެ އިތުރުން، ކަމެއް ސާފުކުރަން ޖެހިއްޖެ ހާލަތެއްގައި، ސައިޓް ރަޖިސްޓަރީކުރަނީ ކުއްޔަށް ހިފާތަނެއްގައި ނަމަ، ވަޒީފާދޭ ފަރާތާއި އިމާރާތް ނުވަތަ ބިމުގެ ވެރިފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ކޮޕީ ހުށަހެޅުމަށް އެންގުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
މީގެ އިތުރުން، މިހާރު ދާއިމީ ކޯޓާ ދޫކުރެވި ރަޖިސްޓަރީކޮށްފައިވާ ސައިޓްތަކުގެ މަޢުލޫމާތު އަދާހަމަކުރުމަށްޓަކައި، އަންނަ ޖެނުއަރީ މަސް ނިމުމުގެ ކުރިން ވަރކް ސައިޓް ޑިކްލަރޭޝަން ފޯމާއި އިޤްރާރު ހުށަހެޅުމަށް ވަނީ އަންގާފައެވެ.
މި މުއްދަތުގައި ފޯމު ހުށަނާޅާ ފަރާތްތަކުގެ ސައިޓްތައް ސަސްޕެންޑް ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އުސޫލްތައް ހަރުދަނާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކް ޑޭޓާ ނެގުމުގެ ކަންކަން މިހާރު ކުރިއަށްދާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައޯމެޓްރިކް ޑާޓާ ނުދޭ ބިދޭސީން ޑީޕޯޓްކުރާނެ ކަމަށް ވިދާޅުވެފައެވެ.



