ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާޓާމިނަލް, ޓާމިނަލް 1 އަށް ހުރިހާ އެއާލައިނެއް ބަދަލުކޮށް ހިދުމަތް ދޭން ފަށައިފިއެވެ.
ތާރީހީ ކުލަގަދަ ހަފުލާ އަކާއެކު ވީއައިއޭގެ ޓާމިނަލް 1 ހުޅުވީ ރާއްޖޭގެ މިނިވަން ދުވަހުގެއުފަލާއެކު 26 ޖުލައި 2025 ގައެވެ.
ޓާމިނަލް ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާޑރ. މުހައްމަދު މުއިއްޒުއެވެ.
ޓާމިނަލް 1 އިން މިހާރު ދަނީ 41 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ. އަދިމިހާތަނަށް 600,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ވަނީ ހިދުމަތް ދީފައެވެ.
ޓާމިނަލް 1 އަށް ހުރިހާ އެއާލައިނެއް ބަދަލުކޮށް, ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށްމިއަދު ވަނީ ހާއްސަ ހަފުލާއެއް ބާއްވައިފައެވެ.

އެ ހަފުލާ ޝަރަފުވެރި ކޮށްދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދުއެވެ.
މިހަފުލާގައި ޓާމިނަލް 1 އަށް ހުރިހާ އެއާލައިނެއް ބަދަލުކޮށް ހިދުމަތް ދޭން ފެށުމުގެކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ހާއްސަ ކޭކެއް ވަނީ ފަޅައިފައެވެ.
ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުއިބްރާހިމް ޝަރީފު މުހައްމަދު ވަނީ 26 ޖުލައި 2025 ގައި އާ ޓާމިނަލް ހުޅުވުމަށް އެމްއޭސީއެލްގެ މުވައްޒަފުން ކުރި ބުރަ އަދި ބޮޑު މަސައްކަތް ފާހަގަކުރައްވައިފައެވެ.
އެގޮތުން އެމްއޭސީއެލްގެ މުވައްޒަފުން, އެ މުވައްޒަފުންގެ އާއިލާއާ ދުރުގައި އެތައްގަޑިއިރެއް ހޭދަކުރި އިރު, އެމްއޭސީއެލްގެ މުވައްޒަފުން މަސައްކަތްކުރީ އަމިއްލަ ނަފުސުއެއްފަރާތްކޮށް, އެމްއޭސީއެލް ވަންތަވެގެން ކަމަށް ވިދާޅުވިއެވެ.
ޝަރީފު އިތުރަށް ވިދާޅުވީ، ޓާމިނަލް 1 ހުޅުވުމަށް މުވައްޒަފުން ކުރި ބުރަ މަސައްކަތަކީ ގައުމަށާއި އެމްއޭސީއެލްއަށް ކޮށްދިން ކަމެއް ކަމަށާއި އެހެންކަމުން އެކަމަށްޓަކައި ފަހުރުވެރިވާ ކަމަށެވެ.
އަދި މުވައްޒަފުންގެ އަމާޒަކަށްވާންވީ ގުޅިގެން މަސައްކަތްކޮށް, ކުންފުނި އާ އުސްމިންތަކަކަށް ގެންގޮސް މި އަހަރަށްވުރެ ކާމިޔާބު އަހަރަކަށް އަންނައަހަރު ހެދުމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.



