. ފުނަދޫ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމުގެ ކުރިން ބާއްވަންޖެހޭ ޓެސްޓް ފްލައިޓް ބާއްވައިފިއެވެ.
މޯލްޑިވިއަންގެ ޓެސްޓް ފްލައިޓް ފުނަދޫއަށް ޖެއްސީ އިއްޔެ އިރުއޮއްސި 7:30 ގައެވެ. މި ފްލައިޓުގައި އެމްއޭސީއެލް އާއި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގެ އޮފިޝަލުން ފުނަދޫއަށް ވަޑައިގެންނެވިއެވެ.
އިއްޔެގެ ޓެސްޓް ފްލައިޓަށްފަހު މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ފުނަދޫ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމުގެ ހުއްދަ ދީފައެވެ.
ފުނަދޫ އެއާޕޯޓް ތަރައްގީ ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
އެ ވައުދުފުޅުގެ ތެރެއިން ފުނަދޫ އެއަރޕޯޓުގެ ހިދުމަތް ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއު އެމްއޭސީއެލްއާ ހަވާލުކޮށް، އަމަލީ މަސައްކަތް ފެށީ ށ. އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފުނަދޫގައި 15 އޮކްޓޫބަރު 2025 ގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ މި އަހަރު ނިމުމުގެ ކުރިން ފުނަދޫ އެއަރޕޯޓުގައި ލައިޓުތައް ޖަހައި ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ.
2020 ވަނަ އަހަރު ހުޅުވި ފުނަދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއަރޕޯޓުގައި ޒަމާނީ ފެންވަރުގެ ލައުންޖެއް ހެދުމާއި ރެސްޓޯރެންޓަކާއި ޓާމިނަލްގެ ފެންވަރު މަތިކުރުމާއި ބެގޭޖް ކޮންވެޔޯ ބެލްޓް ހަރުކުރުމުގެ އިތުރުން ރަންވޭގެ ދިގުމިން އިތުރުކުރުމުގެ މަަސައްކަތް ހިމެނެއެވެ.


