މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އާންމުންނަށް ފަސޭހަކަމާއެކު މައުލޫމާތާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެ ކޯޕަރޭޝަންގެ އައު ވެބްސައިޓް މިއަދު އިފްތިތާހުކޮށް ބޭނުންކުރަން ފަށައިފިއެވެ.
ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި، އަލަށް ފަރުމާކުރެވުނު މި ވެބްސައިޓަކީ ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު އޮންލައިންކޮށް ޚިދުމަތްތައް ލިބިގަނެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ސައިޓެކެވެ.
މި ސައިޓުގައި ހިމެނޭ ”ފަހެލި ޕޯޓަލް“ މެދުވެރިކޮށް ޚިދުމަތްތަކަށް ރަޖިސްޓްރީވުމާއި، އޮންލައިންކޮށް ފައިސާ ދެއްކުމުގެ އިތުރުން، މިހާތަނަށް ފައިސާ ދެއްކިފައިވާ މިންވަރުގެ ތަފްސީލުވެސް ބަލައިލެވޭނެއެވެ.
މީގެ ކުރިން އެ ކޯޕަރޭޝަނުން ބޭނުންކުރަމުން އައި ޑޮމެއިން ނަން ވަނީ ބަދަލުކޮށްފައެވެ. ކުރިން ބޭނުންކުރި mhcl.mv ގެ ބަދަލުގައި ދެން އެ ކޯޕަރޭޝަންގެ ޚިދުމަތްތައް ހޯދުމަށް ބޭނުންކުރާނީ http://hajj.mv އެވެ. މި ވެބްސައިޓް މެދުވެރިކޮށް ހައްޖާއި އުމްރާއާ ގުޅޭ މުހިންމު މައުލޫމާތުތަކާއި، ތަފާތު ޕެކޭޖްތަކުގެ ތަފްސީލުތައް ލިބެން ހުންނާނެއެވެ.
މީގެ އިތުރުން، ކޯޕަރޭޝަނުން ނެރޭ މުހިންމު އެންގުންތަކާއި، ހިންގާ ހަރަކާތްތަކުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތާއި ފޮޓޯތައްވެސް މި ސައިޓުން ފެންނަން ހުންނާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ވިދާޅުވިއެވެ.



