ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ކުށުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ، ގ. މާވަނި، ޙުސައިން ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ސަނީ އުމަރު 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން ކޮށްފައިވާ އަމުރު މިއަދު ވަނީ ހަމަވެފައެވެ.
އޭނާ ބަންދު ކުރަން ނެރުނު އަމުރުގެ މުއްދަތު ހަމަވުމުގެ ކުރިން މިއަދު ކޯޓަށް ހާޒިރު ކުރިއިރު، ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނަށް ރިއާޔަތްކޮށް، ޝަރީއަން ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދެއްވުމަށް އެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން މިއަދު އެ ކޯޓުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
އަދި މި މައްސަލަ ދިވެހި ފުލުހުން ތަހުގީގު ކުރަމުންގެންދާ ކަމަށްވެސް ޕީޖީން ވިދާޅުވިއެވެ. އަދި ތަހުގީގައި ކުރަންހުރި މަސައްކަތަށް ރިއާޔަތްކޮށް އެ އޮފީހުން ގާނޫނުގައިވާ ގޮތުގެ މަތިން މައްސަލައިގެ ތަހުގީގުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ސަނީ އުމަރަކީ ”ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް“ ގައި އިސްކޮށް އުޅުނު މީހެކެވެ. އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ އާއިލާގެ ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށެވެ.
މި ކުންފުންޏަކީ ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމެކެވެ. މި މައްސަލައާއި ގުޅިގެން އެ ކުންފުނީގައި އޮތް އޭނާގެ ހިއްސާ އަތުލަައި ކުންފުނިން ވަކިކުރަން މިހާރު ވަނީ ނިންމައިފައެވެ.
ދަ ޓްރެވެލް ގައިސް ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސަނީ އުމަރުގެ ހިއްސާ އަތުލަން ނިންމީ އެ ކުންފުނީގެ ބޯޑުން ކަމަށެވެ.
”މި ހިއްސާތައް އޮންނާނީ ކުންފުނީގެ ތެރޭގައެވެ. މި ކަމުގައި ގާނޫނީ އަދި ކޯޕަރޭޓް ގަވާނެންސްގެ ދަށުން ކުރަން ޖެހޭ ހުރިހާ ކަންތައްތަކެއް ފުރިހަމަ ކުރާނން.“ ޓްރެވެލް ގައިސް އިން ބުންޏެވެ.
ޓްރެވެލް ގައިސް އިން ބުނި ގޮތުގައި، ޓްރެވެލޫޝަން މީޑިއާގެ މާލީ އިދާރީ އަދި ސްޓްރެޓެޖިކް ހުރިހާ ކަމެއް ކުރަމުން އަންނަނީ އިންޓަނޭޝަނަލް ކޯ ޓީމަކުން ކަމަށާއި އެހެންކަމުން އެ މީޑިއާ ހިންގުމުގައި ސަނީ ބައިވެރިވާ ކަމަށް ބުނެ ފަތުރާފައި ވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
އަދި ގޯނާ އާއި ނާޖާއިޒު ފައިދާ ނެގުމާއި މި ފަދަ އެންމެހާ ނުރަނގަޅު އަމަލުތަކަކީ އަބަދު ވެސް ދެކޮޅު ހަދާ ކަންކަން ކަމަށް އެ ކުންފުނިން ބުންޏެވެ.




