ހައްދެއް އިމެއް ނެތި ހުކުރު ހުތުބާ ދިނުން އެންމެންނަށް ހުޅުވާލައިފިނަމަ، ދީނީ ގޮތުން ނުތަނަވަސް ހާލަތަކަށް ރާއްޖެ ވެއްޓިގެން ދިޔުމުގެ ބިރު އޮތް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އެކްސްގައި ކުރެއްވި ޕޯސްޓަކާ ރައްދު ދެއްވަމުންނެވެ.
ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ ހުކުރު ހުތުބާއަކީ ކޮންމެހެން އެއް މައުޟޫއަކަށް ލިޔެގެން ހުރިހާ މިސްކިތެއްގައި އެއްގޮތަކަށް ކިޔަންޖެހޭ އެއްޗެއް ނޫން ކަމަށެވެ. އަދި ހުތުބާ ދެވޭ ފެންވަރުގެ އިލްމާއި ގާބިލުކަން ހުރި ކޮންމެ މީހަކަށް، އެއިރެއްގެ ހާލަތާ ގުޅޭ މައުޟޫއެއް އިހުތިޔާރުކުރުމުގެ މިނިވަންކަން އޮންނަންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
”ހުތުބާގެ މައުޟޫއަކީ އަބަދު މަކާރިމުލް އަހުލާގާ ގުޅިފައިވާ މައުޟޫއަކަށް ވާކަށް ނުޖެހޭ. ވެރިންނަށް ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރުމަކީ މިޒަމާނުގެ ހުތުބާތަކުގައި ކޮންމެހެން ހިމެނެންޖެހޭ ކަމެއް،“ ޑރ. ދީދީ ވިދާޅުވިއެވެ.
ޑރ. ދީދީ އިތުރަށް ވިދާޅުވީ ސަރުކާރުން ލިޔެފައިވާ ހުތުބާ ކިޔުން ލާޒިމް ކުރަނީ ފިކުރާއި ރައުޔުގެ މިނިވަންކަން ނޯންނަ ގައުމުތަކުގައި ކަމަށެވެ.
ޑރ. ދީދީގެ ވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެއީ ރަނގަޅު ވިސްނުމެއް ނޫން ކަމަށާއި، ރާއްޖޭގެ ހުރިހާ އިމާމުންނަކީ އަމިއްލައަށް ހުތުބާ ތައްޔާރުކޮށްގެން ދެވޭ ފެންވަރުގެ ބައެއް ނޫން ކަމަށެވެ. އަދި ވަކި ހަމައެއް ނެތި އެކަން ހުޅުވާލައިފިނަމަ ދީނީ ތަފާތު ފިކުރުތައް އުފެދި، އެކި މިސްކިތްތަކުގައި އެކި މަޒުހަބުތަކަށް ހުތުބާ ކިޔައި ހަމަނުޖެހުން އުފެދުމުގެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”ރާއްޖޭގައި ހުތުބާ ކަންތަކުގައި އަމަލު ކުރަމުން މި ދަނީ ރާއްޖޭގެ މަސްލަހަތާއި ގުޅޭ ގޮތަށް. އަދި ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާ ވެސް ގުޅޭ ގޮތަށް ހަރުދަނާ ނިޒާމެއްގެ ތެރެއިން،“ މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ޒަމާނުއްސުރެ މިކަން ގާއިމުވެފައިވާ ދިމާލަށް މިއަދު އިސްލާމީ ދުނިޔޭގެ ގައުމުތައް ވަނީ އަމާޒު ހިފާފައެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ކުރީގެ ވެރިންނާއި ސަރުކާރުތަކުން ހުތުބާގެ ނިޒާމު ދަމަހައްޓާފައިވަނީ ވަރަށް ރަނގަޅަށް ކަމަށާއި، އެ ނިޒާމު އެގޮތުގައި ދަމަހައްޓާނެ ކަމަށެވެ.
އަދި ހުތުބާގެ މައުޟޫތަކާ މެދު ރައްޔިތުންގެ ހިޔާލު ހޯދަމުން ދަނީ މުޖުތަމައަށް އެންމެ ބޭނުންތެރި މައުޟޫތަކަށް ހުތުބާ ތައްޔާރުކުރުމަށް ކަމަށްވެސް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.




