ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްޤީކޮށްފައިވާ 4،000 ފްލެޓުގައި ފެނާއި ނަރުދަމާގެ ޚިދުމަތް މިހާރު ގާއިމްކޮށް ނިންމައިފައިވާކަމަށް މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފިއެވެ.
އެމްޑަބްލިއުއެސްސީން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެފްޑީސީ ފްލެޓްތަކުގެ ތެރޭގައި ހިމެނޭ އަމާން ދޯދި އަދި އަމާން އުދަރެސްގެ ހުރިހާ ޓަވަރެއްގައި ފެނުގެ ޚިދުމަތް ގާއިމްކޮށް، ޓެސްޓުކޮށް، މިހާރު ލިބޭގޮތް ހަދައިފައިވާ ކަމަށެވެ.
މީގެ އިތުރުން ނަރުދަމާގެ ޚިދުމަތް ވެސް މިހާރު ވަނީ އެ ފްލެޓްތަކުގައި ގާއިމްކޮށް ނިންމާފައި ކަމަށް އެމްޑަބްލިއުއެސްސީން ބުނެފައިވެއެވެ.
އެމްޑަބްލިއުއެސްސީން ހާމަކުރި ގޮތުގައި، މި މަސައްކަތްތައް ނިމުމާއެކު މިހާރު ހުރިހާ ޔުނިޓުތަކަކުން ވެސް ފެނާއި ނަރުދަމާގެ ޚިދުމަތް ލިބޭނެއެވެ.
މި ނިމުނު ޑިސެމްބަރު މަހުގެ 21ވަނަ ދުވަހު އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ޙަމްދާން ޝަކީލް ވިދާޅުވެފައިވަނީ، މަދު ޓަވަރުތަކަކަށް ފެން ދިނުމަށްޓަކައި އެމްޑަބްލިއުއެސްސީއިން ކުރަމުންދިޔަ މަސައްކަތް ފިޔަވައި، އެ ޓަވަރުތަކުގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ.
އެހެންކަމުން މިހާރު އެފްޑީސީގެ ޓަވަރުތަކުގެ ހުރިހާ މަސައްކަތެއް މިވަނީ ނިމިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ދިރާސީ އަހަރު ފެށެންވާއިރަށް، އެފްޑީސީގެ ހުރިހާ ފްލެޓެއްގެ ތަޅުދަނޑި ހަވާލުކޮށް ނިންމާނެ ކަމަށެވެ.


