ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދު ކޮށްގެން ރާއްޖެ އަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހިމެނޭ ދެ މީހުންގެ ތެރެއިން، އެ ތަކެތި އެތެރެކުރި ކުންފުނީގެ ވެރިޔާ އިތުރު 15 ދުވަހަށް ބަންދުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ރާސް މޯލްޑިވްސް ކިޔާ ކުންފުންޏެއްގެ ނަމުގައި ރާއްޖެ ގެނައި މުދާތަކެއް ކަސްޓަމްސް އިން މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހުގެ ރޭ ބަލައިފާސްކުރިއިރު ޗޮކްލެޓް ސިރަޕްފުޅިތަކެއްގެ ތެރޭގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް އެތެރެކުރިކަން ފަޅާއަރައިގެން ހައްޔަރުކޮށްފައިވަނީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ގދ. ތިނަދޫ، ގޯލްޑަން ހައުސް / މުހައްމަދު އާދިލް (57އ.) އެވެ.
އޭނާއަކީ ރާއްޖެއަށް އެކި ބާވަތުގެ މުދާ އެތެރެކޮށް، ވިޔަފާރި ހިންގުމަށް މީގެ 16 އަހަރު ކުރިން ރަޖިސްޓަރީ ކޮށްފައިވާ ރާސް މޯލްޑިވްސްގެ އެއް ޑިރެކްޓަރެވެ. އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލްގައިވާ ގޮތުން ދެން އެ ކުންފުނީގެ ހިއްސާދާރަކީ އަންހެނެކެވެ.
ފުލުހުން ބުނީ، ތަހުގީގުގެ ބޭނުމަށް އާދިލް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ފުރަތަމަ ދިން ފަސް ދުވަހުގެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރު ކުރުމުން އިތުރު 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކުރީ މިދިޔަ ޑިސެމްބަރު 27 ގައެވެ.




