ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މެންބަރުކަމުން އިސްތިއުފާ ދެއްވައިފި އެވެ.
ޖާބިރު މަޖިލީހުގެ އިދާރާއަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ، މަޖިލީހުގެ އިންތިޚާބުގެ ތެރޭގައި އެމަނިކުފާނާމެދު އެމްޑީޕީން އަމަލުކޮށްފައިވާ ގޮތުންނާއި، މިއަދުގެ ސަރުކާރަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ ތާއީދު ސަރުކާރުގެ ކެނޑިޑޭޓުންނަށް އޮތް ކަމަށް ފެންނާތީއާއެކު މެންބަރު ކަމުން އިސްތިއުފާ ދެއްވި ކަމަށެވެ. އަދި، މިހާތަނަށް ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރައްވަން ގެންދެވީ ޅަފަތުގައިވާ ޑިމޮކްރަސީ ހަރުދަނާ ކުރުމަށްޓަަކައި މަޖިލީހުގެ ތެރެއިން މަސައްކަތް ހެޔޮ ނިޔަތުގައި ކަން ސިޓީގައި ފާހަނގަކުރައްވާފައި ވެއެވެ.
ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ޖާބިރު އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރެވި ނަމަވެސް، އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމުގެ ފުރުސަތު އޭނާއަށް ދީފައެއް ނުވެއެވެ. އެހެންކަމުން ކާށިދޫ ދާއިރާގެ ގޮނޑި ދިފާއުކުރެއްވުމަށް އިންތިޚާބުގައި ވާދަކުރެއްވީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ. އިންތިޚާބަށް ކުރިމަތިލެއްވި އެހެނިހެން މަޝްހޫރު ވިޔަފާރިވެރިން ގޮނޑި ދިފާއުކުރެއްވި ނަމަވެސް ޖާބިރަށް ގޮނޑި ދިފާއު ނުކުރެއްވުނެވެ. އަދި އެ އިންތިޚާބުގައި ވާދަކުރެއްވި އޭނާގެ ދަރިކަލުންނަށްވެސް އިންތިޚާބު ކާމިޔާބު ނުކުރެއްވުނެވެ.



