ރާއްޖޭގެ ތާރީޚުގައި، އެއް މަސް ތެރޭ އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ މިދިޔަ ޑިސެންބަރު މަހު ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީން ނެރުނު ތަފާސްހިސާބުގައިވާ ގޮތުން، މިދިޔަ ޑިސެންބަރު މަހު ރާއްޖެއަށް 224،455 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
އެއީ އެއް މަސް ތެރޭ ފަތުރުވެރިން އެންމެ ގިނައިން އައި މަހުގެ ރެކޯޑު މީގެ ކުރިން ގާއިމު ކުރި މަސް ކަމަށްވާ، ފެބްރުވަރީ 2024އަށް ވުރެ 7،063 ފަތުރުވެރިން އިތުރު އަދަދެކެވެ. އެގޮތުން އެ މަގު އައިސްފައިވަނީ 217،392 ފަތުރުވެރިންނެވެ.
ރާއްޖޭގެ ޓޫރިޒަމްގެ ޕީކް ސީޒަނަކީ އަހަރުގެ ފަހުކޮޅު ކަމަށްވާއިރު، ކޮންމެ އަހަރެއްގެ މި ދުވަސްވަރުގައި ވެސް އެއާލައިންތަކާއި ޕްރައިވެޓް ޖެޓުތަކުބް ކުރާ ދަތުރުތަކާއި ފަތުރުވެރިން އަންނަ މިންވަރު އިތުރުވެއެވެ.
އޭގެ ސަބަބުން އެއާޕޯޓު މެދުވެރިކޮށް ވަންނަ އާމްދަނީ އިތުރުވުމަށް މަގުފަހިވެއެވެ.
މިދިޔަ އަހަރު ޑިސެންބަރުގެ އިތުރުން، ދެ ލައްކަ ފަތުރުވެރިން ހަމަވީ ދެ މަހެއްގައެވެ. އެއީ ޖަނަވަރީ މަހާއި ފެބްރުވަރީ މަހުގައެވެ. ޖުމްލަ ގޮތެއްގައި މިދިޔަ އަހަރު އައި ފަތުރުވެރިންގެ އަދަދު ވަނީ، 2024އަށް ވުރެ 9.8 ޕަސެންޓް އިތުރުވެފައެވެ.




