ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 49 ހެކްޓަރު ސަރަހައްދެއްގެ ބިން ހިއްކާ ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދާ އެމްއޭސީއެލްއިން ބުނެފިއެވެ.
މި މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، މުޅި މަޝްރޫއުގެ ގާތްގަނޑަކަށް 77.78 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެމްއޭސީއެލްއިން ބުންޏެވެ.
މި މަސައްކަތް ހަލުވިކުރުމުގެ ގޮތުން އިތުރު ޑްރެޖަރުތައް ގެނެސްގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ޑްރެޖަރުތައް ރާއްޖެ ގެނެސްފައިވަނީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ. މީގެ ސަބަބުން ބިން ހިއްކުމުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން އެމްއޭސީއެލްއިން ފާހަގަކުރެއެވެ.
2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހު ފެށި މި މަޝްރޫއުގެ މަސައްކަތް މެދުކަނޑާލަން ޖެހުނީ ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާތީއެވެ. ނަމަވެސް، މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން މި މަސައްކަތް އަލުން ވަނީ ފަށާފައެވެ.
ހުޅުމާލޭ 3 ގެ އިތުރުން ގިރާވަރުފަޅު، ގުޅީފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއުތަކެކެވެ.
ސަރުކާރުން ވިދާޅުވެފައިވަނީ މި މަޝްރޫއުތައް ވީހާވެސް އަވަހަށް ނިންމައި، ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ އަމާޒެއް ކަމަށެވެ.



