މިއަހަރުގެ މިހާތަނަށް މަސްވެރިން ކިރުވި މަހަށް 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ހާމަކޮށްފިއެވެ.
މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހު އެކަނިވެސް 25 ދޯންޏަކުން ވަނީ އެ ކުންފުންޏަށް މަސް ކިރުވާފައެވެ. މި ދޯނިތަކުން ކިރުވި މަހަށް ޖުމްލަ 1,508,161.16 ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މިފްކޯއިން އަންނަނީ އެ ކުންފުންޏަށް ކިރާ މަހުގެ ތަފާސްހިސާބުތައް ގަވާއިދުން އާންމުކުރަމުންނެވެ. އެގޮތުން 2025 ވަނަ އަހަރު ނިމުނުއިރު ޖުމްލަ 78,689,649.20ރ. މަސް ދޯނިފަހަރަށް ދޫކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް އޮތް 250 މިލިއަނެއްހާ ރުފިޔާ އޮތެވެ.
ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި މަސްވެރިންނަށް ދޫކުރަންޖެހޭ ހުރިހާ ފައިސާއެއް ދޫކޮށް ވަނީ ނިންމާފައެވެ.




