2025 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީއަކީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކަމަށް އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި މަޢުލޫމާތުތަކަށް ބަލާއިރު، މިދިޔަ އަހަރު ނިމުނުއިރު ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ޖުމްލަ 9 ޕާޓީއެއް ރަޖިސްޓްރީވެފައިވެއެވެ.
އިލެކްޝަން ކޮމިޝަނުން ޙިއްސާކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ނިމުނުއިރު އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަކީ ޕީއެންސީއެވެ. އެ ޕާޓީގައި 74،048 މެމްބަރުން ތިއްބެވެ. ދެން އެންމެ ގިނަ މެމްބަރުން ތިބީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިވް ޕާޓީ، އެމްޑީޕީގައެވެ. އެއީ، 43،784 މެމްބަރުންނެވެ. އޭގެއިތުރުން
- ޖުމްހޫރީ ޕާޓީ: 12،343 މެމްބަރުން
- މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމް.ޑީ.އޭ) 9،686 މެމްބަރުން
- އަދާލަތު ޕާޓީ 8،267 މެމްބަރުން
- މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ) 5،133 މެމްބަރުން
- ޕީޕަލްސް ނޭޝަނަލް ޕްރަންޓް (ޕީ.އެން.އެފް) 3،012 މެމްބަރުން
- ދަ ޑިމޮކްރެޓްސް 2،952 މެމްބަރުން
- މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމް.އެލް.އެސް.ޑީ.ޕީ) 1،710 މެމްބަރުން
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. މި އަހަރުގެ ބަޖެޓު ފާސްކުރި ދުވަސް ކަމަށްވާ މިދިޔަ އަހަރުގެ ނޮވެންބަރު 25 ގެ ނިޔަލަށް މި ޝަރުތު ހަމަވަނީ ޕީއެންސީ، އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭ އަށެވެ.
މިދިޔަ އަހަރު ބަޖެޓުން ފައިސާ ލިބުނު އަދާލަތު ޕާޓީއަށް، މެމްބަރުންގެ އަދަދު ހަމަނުވުމުގެ ސަބަބުން މި އަހަރު ބަޖެޓުން ފައިސާ ނުލިބޭނެއެވެ.
ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރަން ޤާނޫނުލާޒިމް ކުރާއިރު، ޕާޓީތަކަށް މެމްބަރުން ވެއްދުމުގެ ކަންކަން ފަސޭހަކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ވަނީ އީ-ފާސް މެދުވެރިކޮށް ރަޖިސްޓްރީވެވޭ ގޮތަށް ޤަވާއިދު އިސްލާޙުކޮށްފައެވެ.



