އުމްރާގެ އަޅުކަމަށް ސައުދި އަރަބިއްޔާގެ މައްކާއަށް ދިޔަ އުމްރާވެރިން އެނބުރި އައުމަށްފަހު ބަލިތަކުން ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.
ސްކޫލް ބަންދާއި ގުޅިފައިވާ ބޮޑު ޗުއްޓީގައި އުމްރާގެ އަޅުކަމަށް ސައުދީގެ މައްކާއަށް ދިޔަ އުމްރާވެރިން އަރިދަފުސް ރޯގާ އާއި ވައިރަލް ހުން ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެއް އެޗްޕީއޭއިން ވަނީ ހަނދާންކޮށްދީފައެވެ.
އެގޮތުން ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުމާއި، ޓިޝޫ ފަދަ ތަކެތި ބޭނުންކުރުމަށްފަހު ރައްކާތެރިގޮތުގައި ނައްތާލުމަށް ވަނީ އިރުޝާދު ދީފައެވެ. މީގެ އިތުރުން ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމާއި، ދަތުރުމަތީގައާއި އަޅުކަމުގެ ތެރޭގައި އުޅޭއިރު މާސްކް އެޅުމަށްވެސް އެޗްޕީއޭއިން ބާރުއަޅާފައިވެއެވެ.
ބަލީގެ އަލާމާތްތައް ހުރިނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ހާއްސަކޮށް ކުޑަކުދިންނާ ބައްދަލުކުރުމުގައި ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. ރޯގާ ޖެހިފައިވާނަމަ ކުޑަކުދިން ގާތަށް ނުދިއުމަކީ ބަލި ފެތުރުން ހުއްޓުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ.
އުމްރާވެރިން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި ހުން އައުން، ކެއްސުން، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ އަލާމާތެއް ފެންނަނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. އެޗްޕީއޭއިން އިތުރަށް ބުނިގޮތުގައި ޑޮކްޓަރަށް ދައްކާއިރު، އެއީ އުމްރާއިން އެނބުރި އައި މީހެއްކަމުގެ މައުލޫމާތު ހިއްސާކުރުމަކީ ބަލި ދެނެގަތުމަށް ލިބޭނެ ވަރަށް ބޮޑު އެހީއެކެވެ.
ހުން ނުވަތަ އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ގޭގައި ދެވިދާނެ ފަރުވާތަކުގެ ތެރޭގައި ގިނަގިނައިން ދިޔާ ތަކެތި ބޭނުންކުރުމާއި، އަރާމުކުރުން ހިމެނެއެވެ. އަދި ހުންގަދަވާނަމަ ގައިގައި ފެންހޭކުމަށާއި، ޕެރެސެޓެމޯލް ފިޔަވައި އެހެން ބޭހެއް ޑޮކްޓަރެއްގެ މަޝްވަރާއާ ނުލައި ބޭނުން ނުކުރުމަށް އެޗްޕީއޭއިން ވަނީ ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.



