ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވި ގޮތަށް، ފުރާނައަށް ނުރައްކާވާފަަދަ ބޮޑެތި ބަލިތަކަށް ބޭސް ކުރުމަށް ޕެންޝަން ފައިސާއިން ޚަރަދުކުރެވޭ ގޮތް ހެދުމަށް، ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރެވެ.
މި ބިލުގެ ފުރަތަމަ ކިޔުން އިއްވުމާއި ބިލަށް ބަހުސްކުރުން ދައުރުން ބޭރުން މާދަމާ ބާއްވާ ޖަލްސާގައި ކުރިއަށް ގެންދިޔުމަށް ވަނީ އެޖެންޑާ ކޮށްފައެވެ. މި އިސްލާހުގެ އެންމެ މުހިންމު އެއް ބޭނުމަކީ ފުރާނައަށް ނުރައްކާވާފަަދަ ބޮޑު ބައްޔެއް ނުވަތަ ”ޓާމިނަލް އިލްނަސް“ ގެ ޙާލަތުގައިވާ ފަރާތްތަކަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރުމުގެ އުސޫލުތައް ޤާނޫނުގައި ކަނޑައެޅުމެވެ.
މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފުރާނައަށް ނުރައްކާވާފަަދަ ބޮޑު ބައްޔެއް ކަމަށް ބަލާނީ އެކަށީގެންވާ ޞިއްޙީ ފަރުވާ ފޯރުކޮށްދިން ނަމަވެސް، 12 މަހަށް ވުރެ ދިގު މުއްދަތަކަށް އެ މީހަކު ދިރިހުރުމަކީ ނާދިރުކަމެއް ކަމަށް ސްޕެޝަލިސްޓު ޑޮކްޓަރަކު ކަނޑައަޅާފައިވާ ޙާލަތްތަކަށެވެ.
މިފަދަ ޙާލަތްތަކުގައި ޕެންޝަން ލިބޭ އުމުރު ހަމަނުވި ކަމުގައިވިޔަސް، ފައިސާ ދޫކޮށްދިނުމަށް އެދި ހުށަހަޅައިފިނަމަ ވަކިވަކިން ނުވަތަ އެއްފަހަރާ އެ ފައިސާ ދޫކުރެވޭނެއެވެ.
މި ބިލުގައި ހިމެނޭ އަނެއް މުހިންމު އިސްލާހަކީ ޙައްޖުވުމަށްޓަކައި ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރެވޭ ގޮތް ހެދުމެވެ. އެގޮތުން ޙައްޖު ކޯޕަރޭޝަނަށް ދައްކަންޖެހޭ އަގުގެ 20 އިންސައްތަ އަމިއްލައަށް ދައްކައިފިނަމަ، ބާކީ 80 އިންސައްތަ ފައިސާ ޕެންޝަން އެކައުންޓުން ދެއްކޭނެ ގޮތް ހެދުމަށް ވަނީ ހުށަހަޅާފައެވެ.
މީގެ އިތުރުން، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ގޮތުގައި ލިބޭ މިންވަރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އަސާސީ ޕެންޝަން ލިބިނުދެވޭނެ ކަމަށް ކަނޑައެޅުމާއި، ޕެންޝަން ގާނޫނު ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އިތުރު އިސްލާހުތައް ވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.



