ނޫސްވެރިންނަށްދޭ އިންޒާރުތައް ސީރިއަސް މައްސަަލައެއްގެ ގޮތުގައި ބަލާ ފިޔަވަޅު އެޅުމަށް މޯލްޑިވިއަން ޑިމޮކްރެޓިން ޕާޓީ(އެމްޑީޕީ) އިން ގޮވާލައިފި އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅިގެން އެޕާތީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ފާއިތުވި ދުވަސްތަކުގެ ތެރޭގައި ނޫސްތަކަށާއި, ޓީވީ ސްޓޭޝަންތަކަށާއި އަދި ވަކިވަކި ނޫސްވެރިންނަށް އިންޒާރު ދިނުމާއި ބިރު ދެއްކުން އިތުރުވެފައިވާތީ އެކމާއި އެޕާޓީން ކަންބޮޑުވުމާ ކަމަށެވެ. އަދި، މި އިންޒާރުތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ފިޔަވަޅު އެޅުމަށް ކަމާގުޅުން ހުރި އިދާރާތަކަށް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.
އެމްޑީޕީގެ ބަޔާނުގައި،މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ދިވެހި ނޫސްވެރިންނާ ބައްދަލުކުރާއިރު, ނޫސްވެރިކަމުގެ ކުރިމަގާ މެދު ގިނަ ކަންބޮޑުވުންތަކެއް ހުރިކަން ފާހަނގަކޮށް، ސަރުކާރަށް ފާޑުކިޔާ ދެ ނޫހެއް ބްލޮކް ކޮށް ހިޔާލު ފާޅުކުރުމަށް ހުރަސް އެޅިކަމަށް ބުނެފައި ވެއެވެ. އަދި، ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ސަރުކާރުން ރާވައި އިންތިޒާމުވެގެން, ރަސްމީ އިދާރާތަައް މެދުވެރިކޮށް, ކަންކަމުގެ ހަގީގަތް ކަނޑައެޅިގެން އޮޅުވާލުމަށް މަސައްކަތް ކޮށްފައިވާކަމަށްވެސް ބުނެފައި ވެއެވެ.
”ދެފުށް ފެންނަ ހާމަކަން ބޮޑު ސަރުކާރެއް ގާއިމުކުރާނެ ކަމަށާއި ނޫސްވެރިންނަށް ފުރިހަމައަށް މައުލޫމާތު ދިނުމުގެ ވައުދާއެކު ވެރިކަމާ ހަވާލުވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގަސްތުގައި މައުލޫމާތު ހިފަހައްޓައި, ސިއްރުކޮށް, މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުންދާ ކަމަށް މި ޕާޓީން ގަބޫލުކުރަން“ އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
އެމްޑީޕީން ބުނީ، އެ ޕާޓީން ގަބޫލުކުރާގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަމަކީ ތަންމިނަށް ހުޅުވިފައި އޮންނަން ވާނެ ހައްގެއް ކަމަށެވެ. އަދި، އެގޮތަށް ކަންކަން ފަހިކޮށްދިނުމަށް އެޕާޓީން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.
އެމްޑީޕީންބުނީ، ނޫސްވެރިކަމާއި ނޫސްވެރިންގެ ހައްގުގައި ކުރަމުންދާ ވަކާލާތު ކުރިއަށް އޮތް ތަނުގައި ވަރުގަދަކޮށް ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ދުލާއި ގަލަމުގެ މިނިވަންކަމުގެ ހިމާޔާތުގައި އެ ޕާޓީ ދެމި އޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަންދޭކަމަށެވެ. އަދި،ލިބެމުންދާ އިންޒާރުތަކާއި ސަރުކާރުން އަޅަމުންދާ ހުރަސްތަކާ އެކު ވެސް ރައްޔިތުންނަށް ތެދު ހާމަކޮށްދިނުމުގައި ބުރަކޮށް މަސައްކަތް ކުރަމުންދާ ދިވެހި އެންމެހާ ނޫސްވެރިންނަށް އެ ޕާޓީން ވަނީ ޝުކުރު އަދާކޮށްފަ އެވެ.



