ރާއްޖެއަށް ބޭސް އެތެރެކުރާ މައި ކުންފުނި އެސްޓީއޯ އިން އެތެރެކުރާ ބޭހުގެ ބާވަތްތައް ވަރަށް ބޮޑަށް އިތުރުކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ބޭސްފިހާރަތަކުން ބޭސް ނުލިބޭ މައްސަލައާ ގުޅޭގޮތުން މިއަދު ބޭއްވި މީޑިއާ ބްރީފިންއެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކުރިން 200 އެއްހާ ބޭސް އެތެރެކުރަމުން ދިޔަ ނަމަވެސް، މިހާރު އެސްޓީއޯ އިން އެކަނިވެސް 800 އާއި 900 އާ ދެމެދުގެ އަދަދަކަށް ބޭސް އެތެރެކުރަމުންދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ބޭސް ނުލިބުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށާއި، އޭގެ ސަބަބުން ބޮޑެތި ލުއިތަކެއް ލިބެމުންދާ ކަމަށެވެ. އަދި ރާއްޖޭގެ އެޕްރޫވްޑް ޑްރަގް ލިސްޓާއި ޒަރޫރީ ބޭހުގެ ލިސްޓުވެސް ކުރިއަށް އޮތް ތަނުގައި ފުޅާވެގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
”އަޅުގަނޑަށް ވަރަށް ސާބިތުކަމާ އެކު ދަންނަވަން ކެރޭނެ، ވަރަށް ބޮޑުތަނުން މައްސަލައަށް ހައްލު ލިބިފައިވާކަން. އެހެން ނަމަވެސް އަޅުގަނޑުމެން ބޭނުންވަނީ އެއްވެސް މީހަކު ޝަކުވާނުކޮށް އުޅެވޭނެ މިންވަރަށް 100 ޕަސެންޓަށް އެކަން ހައްލު ކުރަން،“މިނިސްޓަރު ވިދާޅުވިއެވެ.
މި މަސައްކަތުގައި އެކި ގޮންޖެހުންތައް ހުރި ނަމަވެސް، ރައްޔިތުންގެ ޝަކުވާތައް ވަރަށް ގާތުން ބަލަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ބޭސް އެތެރެކުރުމުގެ އިތުރުން، އުސޫލުތައް ހަރުދަނާކުރުމުގެ ގޮތުން މިދިޔަ އަހަރު މުޅިން އަލަށް 40 ޓްރީޓްމަންޓް ގައިޑްލައިން އެކުލަވާލާފައިވާ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ. މި ގައިޑްލައިންތަކުގެ ސަބަބުން ޑޮކްޓަރުންނާއި ބަލިމީހުންނަށް އެންމެ އެކަށޭނެ ބޭސްތައް ކަނޑައެޅުމުގައި ފަސޭހަވެގެންދާނެއެވެ.
ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ”ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި“ ގެ ނަމުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު 9 ގައި ސަރުކާރުން ވަނީ ހާއްސަ ކުންފުންޏެއްވެސް އުފައްދާފައެވެ.
ސަރުކާރުގެ އަމާޒަކީ އެކި ނިޒާމުތައް މެދުވެރިކޮށް ބޭސް ނުލިބުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.



