ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ހަންގެރީގެ ތަޖުރިބާކާރު ކޯޗު އިސްޓަވާން އުރުބާނީ އަނެއްކާވެސް ހަމަޖައްސައިފިއެވެ.
އުރުބާނީ މި މަގާމަށް އައްޔަންކުރުމަށް ނިންމާފައިވަނީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ބޭއްވި އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ނުވަވަނަ ބައްދަލުވުމުގައެވެ.
ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުގެ އިތުރުން، އެފްއޭއެމް އިން ވަނީ އުރުބާނީއަށް އެ އިދާރާގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމުވެސް ހަވާލުކުރުމަށް ނިންމާފައެވެ. މިއީ ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމާ އުރުބާނީ ހަވާލުވާ ތިންވަނަ ފަހަރެވެ.
އުރުބާނީ ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުކަމާ އެންމެ ފުރަތަމަ ހަވާލުވީ 2009 ވަނަ އަހަރުއެވެ. އެ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލަށް ރާއްޖެ ގެންގޮސްދީ، އޭނާގެ އިރުޝާދުގެ ދަށުން ރާއްޖެއިން ވަނީ މުބާރާތުގެ ރިހި މެޑަލް ހާސިލްކޮށްފައެވެ.
މީގެ އިތުރުން، 2012 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި 23 އަހަރުން ދަށުގެ އިންވިޓޭޝަނަލް މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއަށް ހޯދައިދިނުމުގައިވެސް އިސްކޮށް ހުރީ އުރުބާނީއެވެ.


