އެމްއޭސީއެލް އިން ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރު ރާއްޖެ ގެނެސް ހއ. ދިއްދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެމްއޭސީއެލް އިން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ދަށުން ހއ. ދިއްދޫ އެއަރޕޯޓް ތަރައްގީކުރުމާއި ބޯހިޔާވަހިކަމާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންވާ ބިން ހިއްކުމުގެ އެ ކުންފުނިން މިއަދު ފަށައިފިއެވެ.
ދިއްދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަދު ހަވީރު ދިއްދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ މަޝްރޫއު ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިން މޫސާ ޒަމީރެވެ.
އެމްއޭސީއެލް އިން ބުނީ ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުއަށް އެ ކުންފުނިން ގެނެސްފައިވަނީ ”ލީވް އެރިކްސަން“ ނަމަކަށް ކިޔާ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރެކެވެ. އެއްފަހަރާ 46,000 ކޮޑި މީޓަރު ހިއްކުމުގެ ގާބިލުކަން ލިބިގެންވާ މި ޑްރެޖަރަކީ މި ވަގުތު ދުނިޔޭގައި އޮތް މިފަދަ އެންމެ ހައި-ޓެކް އަދި އެންމެ ބާރުގަދަ ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު ކަމަށެވެ.
ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެމްއޭސީއެލް އިން ހިއްކުމަށް ހަމަޖެހިފައިވަނީ 111 ހެކްޓަރެވެ.
ދިއްދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މޫސާ ޒަމީރުގެ އަރިހުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އާއި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު އާއި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު އާއި ދިއްދޫ ކައުންސިލުގެ ރައީސް އަބްދުالله ރަޝީދު އަދި ދިއްދޫގެ ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.




